ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހުވަދު އަތޮޅުގެ ބައެއް ރަށްތަކަށް ފައްޓަވާފައިވާ ދަތުރުފުޅުގައި ދެވަނަ ރަށަކަށް ގދ. ނަޑެއްލާއަށް މިއަދު ވަޑައިގެންނެވުމުން، އެމަނިކުފާނަށް އެ ރަށުން ހޫނު މަރުހަބާއެއް ދަންނަވައިފިއެވެ.
ތިން ދުވަހުގެ މުއްދަތަށް ކުރައްވާ މި ދަތުރުފުޅުގައި ހުވަދުއަތޮޅު ދެކުނުބުރީގެ 5 ރަށަކަށާއި، އެއަތޮޅު އުތުރުބުރީގެ 4 ރަށަކަށް ރައީސުލްޖުމްހޫރިއްޔާ ވަޑައިގެންނެވުމަށްވަނީ ހަމަޖެހިފައެވެ. މި ދަތުރުފުޅުގެ މައިގަނޑު މަޤްޞަދަކީ ރަށްރަށުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި ބައްދަލުކޮށް، އެފަރާތްތަކުގެ ޝަކުވާތައް އަޑުއެއްސެވުމާއި، ރަށްރަށުގައި ކުރިއަށްގެންދާ އަދި ކުރިއަށްގެންދަން ބޭނުންވާ މަޝްރޫޢުތަކާ ބެހޭ މަޢުލޫމާތު ހޯއްދެވުމެވެ.
ރައީސް ނަޑެއްލާއަށް ވަޑައިގެން، އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވައި، ރަށުގެ ތަރައްޤީއާއި ގުޅޭ މުހިންމު މަޝްވަރާތައް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. މިދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދައުލަތުގެ ބައެއް ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންވެސް ބައިވެރިވެވަޑައިގަންނަވައެވެ.
މިއީ ރަށްތަކުގެ ޙާލަތު ބެއްލެވުމަށާއި، ކައުންސިލްތަކާއި ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ރައީސް ކުރައްވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރެއިން ދަތުރުފުޅެކެވެ. މި ސިލްސިލާގެ ތެރެއިން މިހާތަނަށް 190އަށް ވުރެ ގިނަ ކައުންސިލަކާއި އެމަނިކުފާނު ވަނީ ބައްދަލުކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ހުވަދުއަތޮޅުގެ ބައެއް ރަށްރަށަށް ކުރައްވާ މި ދަތުރުފުޅު ނިންމަވާލައްވައި، މާލެ ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ ބުރާސްފަތި ދުވަހުއެވެ.









