ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހުވަދޫ އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވާ ތިން ދުވަހުގެ ދަތުރުފުޅުގެ ފުރަތަމަ މަންޒިލް، ގދ. ހޯނޑެއްދޫއަށް މިއަދު ވަޑައިގެންފިއެވެ.
ރައީސްގެ މި ޒިޔާރަތާ ގުޅިގެން، ހޯނޑެއްދޫގެ ބަނދަރު ސަރަޙައްދުގައި ގިނަ ޢަދަދެއްގެ ރައްޔިތުން އެއްވެ، ރަތްދޫލައިގެ މަރުޙަބާއަކުން ރައީސަށް ވަރަށް ހޫނު މަރުޙަބާ އެއް ވަނީ ކިޔާފައެވެ.
ރައީސްގެ ޒިޔާރަތާ ގުޅިގެން ހޯނޑެއްދޫގެ މަގުތައް ޒީނަތްތެރިކޮށް، ރަށުގެ އެކި ސަރަޙައްދުތަކުގައި ދިދަތައް ޖަހާފައިވާކަން ފާހަގަކުރެވެއެވެ.
މީގެ އިތުރުން، ހޯނޑެއްދޫއާއި މެދު ރައީސް ގެންގުޅުއްވާ ތަސައްވުރުވެސް ޙިއްޞާކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. ރައްޔިތުންނާ ގާތުން ރައްޔިތުންގެ ޙާލު ބެއްލެވުމަށް ވެވަޑައިގެންފައިވާ ވަޢުދުފުޅުގެ ދަށުން ރައީސް ގެންދަވަނީ ރާއްޖޭގެ އެކި ރަށްރަށަށް ޒިޔާރަތްކުރައްވަމުންނެވެ. މި ދަތުރުފުޅަކީ އެފަދަ ދަތުރުފުޅުތަކުގެ ތެރެއިން އެއް ދަތުރުފުޅެވެ.
ރައީސްގެ މި ދަތުރުފުޅުން ހުވަދު އަތޮޅުގެ ރައްޔިތުންގެ ކަންބޮޑުވުންތަކާއި އުންމީދުތައް ސަރުކާރާއި ހަމައަށް ގެނެވި، ރަށްރަށުގެ ތަރައްޤީއަށް އިތުރު ބާރެއް ލިބިގެންދާނެއެވެ.









