ހުޅުމާލޭގައި އަޅާ ސްކޫލާއި މިސްކިތުގެ އެއްބަސްވުމުގައި އެއްވެސް ކޮރަޕްޝަނެއް ނުހިމެނޭ ކަމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ޑެޕިއުޓީ މިނިސްޓަރ އަލީ އަހްސަން ވިދާޅުވެއްޖެއެވެ. މިހެން ވިދާޅުވެފައިވަނީ ސޯޝަލް މީޑިއާގައި، އެއީ ކޮރަޕްޝަން ކަމަށް ބުނެ ފެތުރެމުންދާ ވާހަކަތަކާއި ގުޅިގެންނެވެ.
އެކްސް ޕްލެޓްފޯމުގައި ކުރެއްވި ޕޯސްޓެއްގައި ޑެޕިއުޓީ މިނިސްޓަރ އަހްސަން ވިދާޅުވީ، ހުޅުމާލޭގައި ސްކޫލް އަޅަން މަދީނާ އިންވެސްޓްމަންޓްއިން އެޗްޑީސީއާ އެކު ހަދާފައިވާ އެއްބަސްވުމުގައި ސޮއިކުރީ މި ދިޔަ ސަރުކާރު ދުވަސްވަރު ކަމަށާއި، އެއީ އެއްވެސް ކޮރަޕްޝަނެއް ހިމެނޭ ކަމެއް ނޫން ކަމަށެވެ.
އަހްސަން އިތުރަށް ވިދާޅުވީ، ހުރިހާ ކަމެއް ގެންގޮސްފައިވާނީ ގަވާއިދުގެ ތެރެއިން ކަމަށެވެ. އެގޮތުން، 14 މެއި 2023 ގައި ފްރޭމްވޯކް އެގްރީމެންޓްގައި ސޮއިކުރުމަށްފަހު މަސައްކަތާއި ގުޅޭ އެތައް މަރުހަލާއެއް ވާނީ ނިންމާފައި ކަމަށާއި، ނަގަންޖެހޭ ހުރިހާ ހުއްދަތަކެއް ނަގާފައިވާ ކަމަށެވެ.
މީގެއިތުރުން، ހުޅުމާލޭގައި ވަގުތީ މިސްކިތް ހުރި ތަނުގައި 2 ބުރީގެ ބޮޑު މިސްކިތެއް ލައިބްރަރީއަކާއި އެކު އަޅާނެ ކަމަށާއި، އަމަލީ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ ކަމަށް އަހްސަން ވިދާޅުވިއެވެ. އަދި ދައްކަންޖެހޭ ހުރިހާ ގެރެންޓީއަކާއި ފީއަކާއި އިކުއިޒިޝަން ފީ ވެސް ދައްކާފައިވާ ކަމަށާއި، މިހާތަނަށް ކުރަންޖެހޭ ޓެކްނިކަލް މަސައްކަތްތައް ވެސް ވާނީ ނިންމާފައި ކަމަށް އަހްސަން ފާހަގަކުރެއްވިއެވެ.









