ޕޯސްޓު މެދުވެރިކޮށް ރާއްޖެ އެތެރެކުރި މަސްތުވާތަކެތި ހުރި ފޮށިގަނޑަކާއި ހަވާލުވި މީހަކު 22 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
ކްރިމިނަލް ކޯޓުން އިއްޔެ ހުކުމް އިއްވާފައިވަނީ ސ. ހިތަދޫ، ޖިބްރޯލްޓާ ޝަރުވާން ސަލީމްގެ މައްޗަށް 22 އަހަރާއި ދެ މަހާއި ތިން ދުވަހަށް ޖަލަށްލުމަށެވެ. މީގެ އިތުރުން އެއްލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފައިވެއެވެ.
ޝަރުވާންގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާއެވެ. މި ދައުވާ އުފުލާފައިވަނީ މިދިޔަ އަހަރުގެ މާޗް މަހުގެ ދެވަނަ ދުވަހު ފެޑެކްސް މެދުވެރިކޮށް ރާއްޖެ ގެނެސްފައިވާ ފޮށިގަނޑެއްގައި ރައްކޮށްފައިވާ އެއްޗަކާއި މެދު ޝައްކުވެގެން ހިންގި ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަނެއްގައި ޝަރުވާން އެ ފޮށިގަނޑާއި ހަވާލުވެފައިވާތީއެވެ.
އޭނާ ހަވާލުވި ފޮށިގަނޑުން 989.1 ގްރާމުގެ މެފެޑްރޯން ފެނިފައިވާކަމަށް ފުލުހުން ބުނެއެވެ. ނަމަވެސް ޝަރުވާން ވަނީ މި ދައުވާތަކަށް އިންކާރު ކޮށްފައެވެ. އޭނާ ބުނެފައިވަނީ މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރުމުގައި އަމަލީ ގޮތުން އެއްވެސް ސިފައެއްގައި ބައިވެރިވެފައިނުވާނެ ކަމަށާއި މަސްތުވާތަކެތި ހުރި ކަމަށް ބުނާ ފޮށިގަނޑާއި ޕެކޭޖާއި ނުވަތަ އެ މަސްތުވާތަކެތި ގެނައުމުގެ އެއްވެސް ބޭނުމެއް ނެތް ކަމަށެވެ.
މައްސަލަ ބެއްލެވި ގާޒީ އަލީ ނަދީމް ވަނީ ޝަރުވާންގެ މައްޗަށް ދައުވާ ސާބިތުވާކަމަށް ނިންމަވާފައެވެ. ހުކުމުގައިވާ ގޮތުން އިއްޔެއިން ފެށިގެން 12 ދުވަހުގެ ތެރޭގައި ޖޫރިމަނާގެ ފައިސާ މީރާއަށް ދައްކައި ޚަލާސް ކުރަންޖެހެއެވެ.
މި ހުކުމަކީ މަސްތުވާތަކެއްޗާ ގުޅުންހުރި މައްސަލަތަކުގައި ކްރިމިނަލް ކޯޓުން އިއްވާފައިވާ އެންމެ ހަރުކަށި ހުކުމްތަކުގެ ތެރެއިން އެއް ހުކުމެވެ. މިފަދަ ހުކުމްތަކުން ފެންނަނީ މަސްތުވާތަކެތީގެ ވަބާއާ ދެކޮޅަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ހަރުދަނާކަމެވެ.









