އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން 2025 ވަނަ އަހަރުގެ ކަލަންޑަރު ނެރެ، އާންމުކޮށް ވިއްކަން ފަށައިފިއެވެ.
މި ކަލަންޑަރުގައި ހިޖުރީ އަދި މީލާދީ ތާރީޚުތަކުގެ އިތުރުން ރަސްމީ ބަންދު ދުވަސްތަކާއި، ނަކަތްތަކާއި، ނަމާދު ވަގުތުތައް ހިމަނާފައިވާކަމަށް އެ ވުޒާރާއިން ހާމަކުރިއެވެ.
ވުޒާރާއިން ބުނީ ކަލަންޑަރު ދެ ބާވަތަކަށް ތައްޔާރުކޮށްފައިވާ ކަމަށެވެ. އެއީ ވޯލް ކަލަންޑަރާއި ޑެސްކު ކަލަންޑަރެވެ. ވޯލް ކަލަންޑަރުގެ އަގަކީ 25 ރުފިޔާ ކަމަށާއި، ޑެސްކު ކަލަންޑަރުގެ އަގަކީ 50 ރުފިޔާ ކަމަށް އެ ވުޒާރާއިން ބުންޏެވެ.
މި ކަލަންޑަރަކީ ދިވެހި ރައްޔިތުންނަށް ބޭނުންތެރި މަޢުލޫމާތު ހިމެނޭ ވަސީލަތެއްކަަމަށާއި ހިޖުރީ އަދި މީލާދީ ތާރީޚުތަކުގެ އިތުރުން ރަސްމީ ބަންދު ދުވަސްތަކާއި ނަމާދު ވަގުތުތައް ވެސް މި ކަލަންޑަރުގައި ހިމަނާފައި ވާނެ ކަމަށް ވުޒާރާއިން ބުންޏެވެ.
އެގޮތުން، ކަލަންޑަރު ގަންނަން ބޭނުންވާ ފަރާތްތަކަށް ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން މެންދުރުފަހު 2:00 އަށް ވުޒާރާގެ ރިސެޕްޝަނަށް ވަޑައިގެން ގަންނަން ލިބޭނެ ކަމަށް އެ ވުޒާރާއިން ފާހަގަކުރިއެވެ.
މި ކަލަންޑަރަކީ ކޮންމެ އަހަރަކު ވެސް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ނެރޭ ކަލަންޑަރެކެވެ. މިއީ ގިނަ ދިވެހިން ބޭނުންކުރާ އަދި އިންތިޒާރުކުރާ ކަލަންޑަރެއް ކަމަށް ވުޒާރާއިން ބުންޏެވެ.









