ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މާލެ އަތޮޅު ގުޅިއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިރޭ މާލެ ވަޑައިގެންފިއެވެ. މި ދަތުރުފުޅަކީ 2024 ވަނަ އަހަރު އަތޮޅުތަކާއި ރަށްތަކާއި ސިޓީތަކުގެ ލޯކަލް ކައުންސިލުތަކާއި ބައްދަލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ފައްޓަވާފައިވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރެއިން މިއަހަރު ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ.
ދަތުރުފުޅުގައި ރައީސް މުޢިއްޒު ކ. ގުޅީ ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ (އ.ތ.މ.) ކޮމިޓީއާއި އަދި ރަށުގެ ރައްޔިތުންނާއި ބައްދަލުކުރެއްވިއެވެ. މި ބައްދަލުވުންތަކުގައި ރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި، ރައްޔިތުން އެންމެ އެދޭ ކަންކަމާއި ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ.
ރައްޔިތުންނާއި މުޚާޠަބުކުރައްވައި ވާހަކަފުޅު ދެއްކެވުމުގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ ރަށުގެ ތަރައްޤީއަށް މުހިންމު ކަންކަން ފާހަގަކުރައްވައި، އެކަންކަމަށް އަވަސް ހައްލެއް ހޯދައިދިނުމަށް މަސައްކަތްކުރައްވާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ސަރުކާރުގެ މަތީފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގެންނެވިއެވެ.
މި ދަތުރުފުޅަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ރައްޔިތުންނާއި ގާތުން ބައްދަލުކޮށް، އެ ރަށްރަށުގެ ކަންބޮޑުވުންތަކާއި ބޭނުންތައް ދެނެގަތުމަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވާ މަސައްކަތުގެ ބައެއްކަން ފާހަގަކުރެވެއެވެ.









