ރަސްމާލެ ހިއްކުމުގެ މަސައްކަތް ތިން ގުނައަށް އަވަސްކޮށް، މި އަހަރަކީ އެންމެ ގިނަ ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ހިންގާ އަހަރަށް ހަދާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މިއަދު ހަވީރު ކ. ގުޅީގައި އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ރަސްމާލެ މަޝްރޫޢަކީ ރާއްޖޭގެ ބޯހިޔާވަހިކަމުގެ މައްސަލައަށް އެންމެ ބޮޑު ހައްލެއް ގެނެސްދޭނެ މަޝްރޫޢު ކަމަށެވެ. އަދި މިއީ އެއް ސަރަހައްދަކުން އެންމެ ގިނަ މީހުން އާބާދުވާނެ އެންމެ ބޮޑު މަޝްރޫޢު ކަމަށްވެސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މިހާރު އަމަލީ ގޮތުން ބިން ހިއްކުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި، އިތުރު ކުންފުނިތަކުން ޑްރެޖަރުތައް ގެނެސް، އެއްފަހަރާ ގިނަ މަޝްރޫޢުތަކެއް ފެށުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. މިކަމުގެ ސަބަބުން މަޝްރޫޢުގެ ސްޕީޑް ދެގުނަ ތިންގުނައަށް އިތުރުވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ 2025 އަކީ ބޯހިޔާވަހިކަމުގެ އަހަރަކަށް ހަދާނެ ކަމަށެވެ. އަދި މި މަހުގެ ތެރޭގައި ބަޖެޓުގައި ކަނޑައަޅާފައިވާ ހުރިހާ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކެއް ކުރިއަށް ގެންދިއުމަށް ކޮންޓްރެކްޓަރުން ހޯދުމަށް އިޢުލާން ކުރާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ މި އަހަރަކީ ގެދޮރުގެ މައްސަލަ ހައްލުކުރުމަށް އެންމެ ގިނަ މަސައްކަތް ހިނގާނެ އަހަރަށް ހަދާނެ ކަމަށެވެ. އަދި ބިން ހިއްކާ ޖާގަ އިތުރުކުރެވިފައިވާ ރަށްރަށުގައި ކުރިއަށް އޮތް އަހަރުތަކުގައި ވެސް މި މަސައްކަތް ކުރިއަށްދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.









