ހެލްތު އިންޝުއަރެންސް ކުންފުނި އާސަންދައިން، އެ ކުންފުނީގެ ދަށުން ބޭސް ލިބުމުގައި ދިމާވާ ކަންބޮޑުވުންތައް ހިއްސާ ކުރުމަށް އެދިއްޖެއެވެ.
އާސަންދައިން މިއަދު ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ޕަބްލިކް ހެލްތު ސްކީމްގެ ދަށުން ބޭސް ނަގާއިރު އަމިއްލަ އަތުން ފައިސާ ދައްކަން ޖެހިއްޖެ ނަމަ ނުވަތަ އާސަންދައިގެ ދަށުން އެއްވެސް ބޭހެއް ކަވަރ ނުކޮށްދޭނަމަ އެ ކުންފުންޏަށް ރިޕޯޓު ކުރުމަށް އެދޭ ކަމަށެވެ.
އާސަންދައިން އިތުރަށް ބުނީ، އެފަދަ މައްސަލައެއް ދިމާވެއްޖެ ނަމަ އާސަންދަ ޝިކާވަތި ޗެޓްލައިން ނަމްބަރު 7951400 އަށް ވައިބާ މެދުވެރިކޮށް މެސެޖު ކުރުމަށެވެ. އަދި ރިޕޯޓު ކުރާއިރު ބޭސްފިހާރައިގެ ނަމާއެކު ބޭސް ސިޓީ އަދި ބޭހުގެ ރަސީދު އެ ނަމްބަރަށް ވައިބާ މެދުވެރިކޮށް މެސެޖު ކުރުމަށް އެ ކުންފުނިން ބުންޏެވެ.
އާސަންދަ ސްކީމުން ކަވަރުކުރާ ބޭހަކަށް އެ ސްކީމުގެ ދަށުން ޚިދުމަތް ފޯރުކޮށްދޭ ބޭސް ފިހާރައަކުން ފައިސާ ނަގާނަމަ ރިޕޯޓުކުރުމަށް އެ ކުންފުނިން މީގެކުރިން ވެސް އަންގާފައިވާކަން ފާހަގަކުރެވެއެވެ.
އެގޮތުން، ބަލްކް ޕްރޮކިއުމެންޓް ތެރެއިން ރާއްޖެ ގެނެސް އާސަންދަ ބޭސް ލިސްޓުގައި ހިމެނިފައިވާ ބޭސްތައް ދޫކުރުމަށް ސްކީމުގެ ދަށުން ޚިދުމަތް ފޯރުކޮށްދޭ ބޭސް ފިހާރަތަކުން އިތުރު އަގެއް ނުނަގާނެ ކަމަށް ވެސް އާސަންދައިން ބުންޏެވެ.
މި ސަރުކާރުން އާސަންދަ ނިޒާމް ހަރުދަނާ ކުރުމަށް ގިނަ ބަދަލުތަކެއް ގެންނަމުން އަންނަ ކަމަށާއި، ސަރުކާރުގެ އަމާޒަކީ އާސަންދައިގެ އެންމެ ބޭނުން ޖެހިފައިވާ އަދި އެންމެ ހައްގުވެރި ފަރާތްތަކަށް ރަނގަޅު ފެންވަރެއްގައި ފަރުވާ ފޯރުކޮށްދިނުން ކަމަށް އާސަންދައިން ހާމަކުރިއެވެ.









