ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ހަށިވިއްކުމުގެ ވިޔަފާރިކުރަމުންދާކަމަށް ތުހުމަތުކުރެވޭ ބިދޭސީން ހޯދުމަށް، މޯލްޑިވްސް އިމިގްރޭޝަނާއި ދިވެހި ފުލުހުންގެ ޚިދުމަތް ގުޅިގެން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި 7 ބިދޭސީން ހައްޔަރުކޮށްފިއެވެ.
މޯލްޑިވްސް އިމިގްރޭޝަނުން މަޢުލޫމާތު ދެއްވިގޮތުގައި، މި އޮޕަރޭޝަންގައި ހައްޔަރުކުރެވުނީ 4 އަންހެނުންނާއި 3 ފިރިހެނުންނެވެ. މި މައްސަލަ އިތުރަށް ތަޙުޤީޤުކުރުމަށްފަހު، މިހާތަނަށް 2 އަންހެނުން ވަނީ ރާއްޖެ އަނބުރާ ނާދެވޭގޮތަށް ޑީޕޯޓްކޮށްފައެވެ. އަދި ބާކީ ތިބި 5 ބިދޭސީން ޑީޕޯޓްކުރުމުގެ މަސައްކަތް ދަނީ ކުރިއަށެވެ.
މި އޮޕަރޭޝަނަކީ ދާޚިލީ ސަލާމަތާއި ފަންނިއްޔަތާބެހޭ ވުޒާރާއާއި، މޯލްޑިވްސް އިމިގްރޭޝަނާއި ދިވެހި ފުލުހުންގެ ޚިދުމަތް ގުޅިގެން ހިންގަމުންދާ ޚާއްޞަ އޮޕަރޭޝަންތަކުގެ ތެރެއިން އެއް އޮޕަރޭޝަނެވެ. މި އޮޕަރޭޝަންތަކުގެ މަޤްޞަދަކީ ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅެމުންދާ އަދި ވިޔަފާރިކުރަމުންދާ ބިދޭސީން ދެނެގަނެ، އެފަދަ ފަރާތްތައް ޑީޕޯޓްކުރުމެވެ.
މިހާތަނަށް މިފަދަ އޮޕަރޭޝަންތަކުގެ ދަށުން 5000 އަށްވުރެ ގިނަ ބިދޭސީން ވަނީ އެމީހުން ނިސްބަތްވާ ޤައުމުތަކަށް އަނބުރާ ފޮނުވާލާފައެވެ. މީގެ އިތުރުން، ބިދޭސީންގެ މަޢުލޫމާތު އެއްކުރުމަށް "އޮޕަރޭޝަން ކުރަނގި" ގެ ނަމުގައި ޚާއްޞަ ހަރަކާތެއްވެސް ދަނީ ހިންގަމުންނެވެ. މި ހަރަކާތުގެ ދަށުން މިހާތަނަށް 18,919 ބިދޭސީންގެ ބަޔޯމެޓްރިކް މަޢުލޫމާތު ވަނީ އެއްކުރެވިފައެވެ.









