ދީނީ ހަމަޖެހުން ދެމެހެއްޓުމަށްޓަކައި މިއަހަރުގެ ތެރޭގައި މުހިންމު 4 ޢިލްމީ ދިރާސާއެއް ކުރުމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ނިންމައިފިއެވެ. މި ދިރާސާތައް ކުރުމަށް ހަމަޖެހިފައިވަނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއާއި އިސްލާމީ ޔުނިވަރސިޓީއާ ގުޅިގެންކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މިއަދު ހާމަކުރިއެވެ.
އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ވިދާޅުވިގޮތުގައި، މި ދިރާސާތަކުގެ ތެރޭގައި ޤައުމީ މަންހަޖާއި މުގައްރަރުތަކުގައި އިސްލާމީ އަޚުލާޤުގެ ބައި ހިމެނިފައިވާ މިންވަރު ދެނެގަތުމާއި، ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ހިންގޭ ޕްރޮގްރާމްތަކުގެ އަސަރުވެރިކަން ހުރި މިންވަރު ދެނެގަތުން ހިމެނެއެވެ. މީގެ އިތުރުން، މުޖުތަމަޢުގައި ގަނާކުރުމާއި ޖުވާކުޅުމާއި ވައްކަމާއި ފޭރުން، އަދި ޓެކުން، ހަށިވިއްކުން ފަދަ ނޭދެވޭ ކަންކަން ހުރި މިންވަރު ދެނެގަތުމަށްޓަކައި ވެސް ދިރާސާތައް ކުރެވޭނެއެވެ.
2024 ވަނަ އަހަރެކޭ އެއްގޮތަށް މިއަހަރު ވެސް ދީނީ ޝިއާރު ފުޅާކުރުމަށްޓަކައި މުހިންމު މަސައްކަތްތަކެއް ކުރިއަށް ގެންދިޔުމަށް ރޭވިފައިވާ ކަމަށް ވުޒާރާއިން ފާހަގަކުރިއެވެ. މިގޮތުން، ދުނިޔޭގެ އެކި ޢިލްމުވެރިންގެ އެހީތެރިކަމާއެކު ދަޢުވާގެ ކަންކަން ކުރިއަށް ގެންދިޔުމަށް މަގުފަހި ކުރުމަށްޓަކައި ބޭރުގެ ޤައުމުތަކާއެކު އެއްބަސްވުންތަކެއްގައި ސޮއިކުރުމަށް ހަމަޖެހިފައިވެއެވެ.
އަދި އިސްލާމް ކިޔަވައިދޭ މުދައްރިސުންގެ ދީނީ ބަސްމަގު އެއްގޮތްކުރުމަށްޓަކައި މަސައްކަތު ބައްދަލުވުންތަކާއި މަހާސިންތާތަކާއި ތަޖުރިބާ ދަތުރުތަކުގެ ފުރުޞަތުތައް ހޯދުމަށް ވެސް މި އަހަރުގެ ޕްލޭންގައި ހިމަނާފައި ވާކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ބުންޏެވެ.









