ފަހު ވަގުތު 2-1 އިން ވެލެންސިއާ ބަލިކޮށް، ލަލީގާގެ އެއްވަނަ ރެއާލް މެޑްރިޑް ހޯދިއިރު ބްރެޒިލްގެ ވިންގާ ވިނީޝަސް ޖޫނިއާއަށް ދެއްކި ރަތްކާޑު އިސްތިއުނާފު ކުރުމަށް މެނޭޖަރު ކާލޯ އެންޗެލޮޓީ ނިންމައިފިއެވެ.
މެޗުގެ 79 ވަނަ މިނެޓްގައި ވިނީޝަސް ޖޫނިއާ އަށް ރަތްކާޑު ދެއްކީ ވެލެންސިއާގެ ކީޕަރު ޑިމިޓްރިވްސްކީ ކޮއްޕާލުމުންނެވެ.
މެޗުގެ ފުރަތަމަ ހާފުގައި ޓީމު ކުޅުނު ދަށް ކުޅުމާއި، ޕެނަލްޓީ މިސް ވުމާއި އަދި ވިނީޝަސްގެ ރަތްކާޑާއިމެދު އެންޗެލޮޓީ ހުރީ ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައެވެ.
ރޭ ފުރަތަމަ ލީޑް ނެގީ ވެލެންސިއާއިންނެވެ.
މެޗުގެ 27 ވަނަ މިނެޓުގައި ވެލެންސިއާއިން ގޯލު ޖަހައިފައި ވަނިކޮށް ރިއަލް އިން ނަތީޖާ އެއްވަރުކޮށްލަން މެޗުގެ 55 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީ ޖޫޑް ބެލިންހަމް އަސް ވަނީ ނާކާމިޔާބު ވެފައެވެ. އޭނާ ފޮނުވާލި ޕެނަލްޓީ އަމާޒުވީ ގޯލުގެ ދަނޑި އަށެވެ. މިއީ މި ސީޒަނުގައި މެޑްރިޑުން ބޭކާރުކޮށްލި 3 ވަނަ ޕެނަލްޓީއެވެ.
މެޗުގެ ފަހު ވިއްސަކަށް މިނެޓް ރެއާލުން 10 ކުޅުންތެރިންނާއެކު ކުޅެ މެޗުގެ 85 ވަނަ މިނެޓްގައި ނަތީޖާ އެއްވަރުކޮށްދިނީ ދެވަނަ ހާފުގައި ކުޅެން އެރި ކްރޮއޭޝިއާގެ ތަޖުރިބާކާރު ކުޅުންތެރިޔާ ލޫކަ މޮޑްރިޗް އެވެ. ތިން ޕޮއިންޓް ކަށަވަރުކުރި ލަނޑު ޖަހައިދިނީ އިތުރު ވަގުތުގެ ތެރޭގައި ވެލެންސިއާގެ ފަހަތުން ހެދި ގޯހެއްގެ ފައިދާ ނަގައި ބެލިންހަމްއެވެ.
ލީގުގައި ރެއާލް ދެން ބައްދަލުކުރާނީ ލަސް ޕަލްމާސްއާ ދެކޮޅަށެވެ.
ރޭގެ މޮޅާއެކު ލީގުގެ އެއްވަނައިގައި ރެއާލް އޮތީ 19 މެޗުން 43 ޕޮއިންޓު ހޯދައިގެންނެވެ. ދެވަނައިގައި އޮތީ އެތްލެތިކޯ މެޑްރިޑެވެ. އެއީ 18 މެޗުން 41 ޕޮއިންޓާއެކުއެވެ.









