އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ޝާއިއުކުރާ އަހަރީ ރިޕޯޓެއްގައިވާ ގޮތުން ރައީސް ޖޯ ބައިޑަން އާއި އެމަނިކުފާނުގެ އާއިލާއަށް 2023 ވަނަ އަހަރު ބޭރުގެ ލީޑަރުންގެ ފަރާތުން އެތައް ހާސް ޑޮލަރެއްގެ ހަދިޔާއެއް ލިބިވަޑައިގެންފައި ވެއެވެ.
މޯދީ ވައިޓް ހައުސްއަށް ކުރެއްވި ދައުލަތުގެ ދަތުރުފުޅުގައި ނިއުދިއްލީން ވަނީ އެމެރިކާގެ ފަސްޓް ލޭޑީ ޖިލް ބައިޑެންއަށް 20،000 ޑޮލަރުގެ ލެބް ޑައިމަންޑެއް ހަދިޔާކޮށްފަ އެވެ. މީގެ އިތުރުން މޯދީ ވަނީ ރައީސް ބައިޑެންއަށް ވަޑާންކޮށްފައިވާ ސެންޑަލްވުޑް ފޮށިގަނޑަކާއި ބުދަކާއި އުއްބައްތި (ވޮށްކޮޅަކާއި) ފޮތެއް ވެސް ދެއްވާފައެވެ. އެމެރިކާގެ އެކި އޮފިޝަލުންނަށް ޖުމްލަ 35،000 އެއްހާ ޑޮލަރުގެ ހަދިޔާއެއް މޯދީ ވަނީ ހަވާލުކޮށްފަ އެވެ.
އެމެރިކާގައި ހުންނަވާ ޔޫކްރޭންގެ ސަފީރުގެ އަތުން 14،000 ޑޮލަރުގެ ބްރޯޗަކާއި ބްރޭސްލެޓެއް ވެސް ލިބުނު ނަމަވެސް، 2023 ވަނަ އަހަރު ބައިޑަން އާއިލާގެ އެއްވެސް މެމްބަރަކަށް މޯދީ ދެއްވި 7.5 ކެރެޓްގެ ޑައިމަންޑަށްވުރެ އަގުބޮޑު ހަދިޔާއެއް ލިބިފައެއް ނުވެއެވެ. އެމެރިކާގެ ގާތް އެކުވެރި ޢަރަބި މުސްލިމު މިޞްރުގެ ރައީސް ވަނީ 4،500 ޑޮލަރުގެ އަގުހުރި ފޮޓޯ އަލްބަމަކާއި ބްރޭސްލެޓެއް ދެއްވާފައެވެ.
އެމެރިކާގެ ރައީސް އަށް ދާދި ފަހުން އިމްޕީޗް ކުރި ދެކުނު ކޮރެއާގެ ރައީސް ސެއޯކް ޔޫލް ޔެއޮންގެ ހަނދާނީ ފޮޓޯ އަލްބަމަކާއި ބްރޫނާއީގެ ސުލްތާންގެ 3،500 ޑޮލަރުގެ ބުދެއް ވެސް ލިބިވަޑައިގެންނެވިއެވެ. އިސްރާއީލުގެ ރައީސް ބެންޖަމިން ނަތަންޔާހޫ ދެއްވީ 3100 ޑޮލަރުގެ ސްޓަރލިންގ ސިލްވަރ ޓްރޭއެކެވެ. ޔުލްރޭނުގެ ރައީސް ވޮލޮޑިމިއާ ޒެލެންސްކީ ދެއްވީ 2400 ޑޮލަރުގެ ހަދިޔާއެކެވެ.
ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ވަނީ ޖޯ ބައިޑަން އަށް 525 ޑޮލަރުގެ އަގުހުރި ކާޕެޓެއް ހަދިޔާކޮށްފަ އެވެ.
ފެޑެރަލް ގާނޫނުގައި ބުނާ ގޮތުން އެގްޒެކެޓިވް ބްރާންޗްގެ އޮފިޝަލުން ބޭރުގެ ލީޑަރުންނާއި ކައުންޓަރޕާޓްސްގެ އަތުން ލިބޭ ހަދިޔާތަކުގެ އަގު 480 ޑޮލަރަށް ވުރެ ބޮޑު ކަމަށް ވާނަމަ އެކަން އިއުލާން ކުރަން ޖެހެ އެވެ. އަދި ގައުމީ އަރުޝީފަށް ފޮނުވަން ޖެހެއެވެ.
ސްޓޭޓް ޑިޕާޓްމަންޓުގެ ލިޔުމެއްގައިވާ ގޮތުން 20،000 ޑޮލަރުގެ ޑައިމަންޑް ރަސްމީ ބޭނުންތަކަށް ވައިޓް ހައުސްގެ އީސްޓް ވިންގްގައި ބެހެއްޓިއިރު، ރައީސް އާއި ފަސްޓް ލޭޑީއަށް ދޭ އެހެން ހަދިޔާތައް ވެސް ވަނީ އަރުޝީފަށް ފޮނުވާފަ އެވެ.
ޖިލް ބައިޑަންގެ ތަރުޖަމާނު ވެނެސާ ވަލްޑިވިއާ ވިދާޅުވީ އޭނާ މަގާމުން ވަކިވުމަށްފަހު އެ ޑައިމަންޑް އަރުޝީފާއި ހަވާލުކުރާނެ ކަމަށެވެ. ނަމަވެސް އެއީ ކޮންކަމަކަށް ބޭނުން ކުރާ އެއްޗެއް ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ.









