ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި އިތުރަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް، މެދު ރާއްޖެތެރޭގެ ބޮޑު ސަރަޙައްދަކަށް އޮރެންޖު އިންޒާރެއް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ނެރެފިއެވެ.
މި އިންޒާރު ނެރެފައިވަނީ ބ. އަތޮޅުން ފެށިގެން ތ. އަތޮޅާ ހަމައަށެވެ. އިންޒާރުގެ މުއްދަތަކީ މިއަދު މެންދުރުފަހު 3:00 އިން ފެށިގެން ރޭގަނޑު 7:00 އާ ހަމައަށެވެ. މި މުއްދަތުގައި ގުގުރުމާއެކު ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ފުރުޞަތު ބޮޑުކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ ލަފާކޮށްފައެވެ.
މީގެ އިތުރުން، އިންޒާރު ނެރެފައިވާ މުއްދަތުގައި ވިލާގަނޑުގައި ގަޑިއަކު 63 މޭލަށް ވައިގަދަވާނެ ކަމަށްވެސް ލަފާކުރެވެއެވެ.
މޫސުމާ ބެހޭ އިދާރާއިން މަޢުލޫމާތު ދިން ގޮތުގައި، އޮރެންޖު އިންޒާރު ނެރެނީ އާދަޔާ ޚިލާފަށް ގުގުރާ، ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭ ޙާލަތްތަކުގައެވެ.
މި ދުވަސްވަރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގެ ސަބަބުން މިހާތަނަށް 6 ރަށެއްގައި ފެންބޮޑުވެގެން ރިޕޯޓުކޮށްފައިވާ ކަމަށް އެންޑީއެމްއޭއިން ވަނީ މަޢުލޫމާތު ދީފައެވެ. ބައެއް ރަށްތަކުގައި ގޭގެއަށް ފެން ވަދެގެން ވެސް ވަނީ ރިޕޯޓުކޮށްފައެވެ.
މި ޙާލަތާ ގުޅިގެން، ރައްޔިތުން ސަމާލުވުމަށާއި، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ކަމާ ބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ.









