އަންނަ ހޮނިހިރު ދުވަހުން ފެށިގެން ރާއްޖޭގެ ބޮޑު ހިސާބަކަށް މޫސުން ރަނގަޅުވާނެ ކަމަށް މޫސުމާއިބެހޭ ގައުމީ އިދާރާ (މެޓު) އިން މިއަދު ބުނެފިއެވެ.
މެޓުން ބުނީ މިއަދާއި މާދަމާ ވެސް ރާއްޖޭގެ ބޮޑު ހިސާބަކަށް ވިއްސާރަ ކުރާނެ ކަމަށެވެ. އަދި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށް ވެސް ބުންޏެވެ.
މެޓުގެ ލަފާގައިވާ ގޮތުން، ދެކުނާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ގަޑިއަކު 15 މޭލާއި 25 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެއެވެ. އުތުރުގެ އަތޮޅުތަކަށް ގަޑިއަކު 10 މޭލާއި 20 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކުރެވެއެވެ. އަދި ވިލާގަނޑުގައި ގަޑިޔަކު ގާތްގަނޑަކަށް 40-45 މޭލަށް ވައި ގަދަވުން އެކަށީގެންވާ ކަމަށް ވެސް މެޓުން ފާހަގަކުރިއެވެ.
މި މޫސުމާއި ގުޅިގެން އުތުރުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށާއި އެހެން ހިސާބުތަކުގެ ކަނޑުތައް ވެސް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓުން ބުންޏެވެ.
ހަފްތާ ބަންދުގައި މޫސުން ގޯސްވީ ނަމަވެސް ހޮނިހިރު ދުވަހުން ފެށިގެން މޫސުން ރަނގަޅުވާނެ ކަމަށް މެޓުން ލަފާކޮށްފައި ވެއެވެ.
އަންނަ އާދިއްތަ ދުވަހަކީ ސްކޫލުތައް ހުޅުވާ ދުވަސް ކަމަށްވުމާއެކު، ކުރިއަށް އޮތް ދެ ދުވަހުގެ ތެރޭގައި އަތޮޅުތެރެއާއި މާލެއާއި ދެމެދު ގިނަ އަދަދެއްގެ ބަޔަކު ދަތުރުކުރާނެތީވެ، މޫސުން ގޯސްވާ ދުވަސްވަރު ކަނޑު ދަތުރުކުރުމުގެ ކުރިން މެޓު އޮފީހުން ނެރޭ އެލާޓުތަކަށް ސަމާލުވުމަށް ވެސް އެ އިދާރާއިން އިލްތިމާސް ކޮށްފައި ވެއެވެ.









