ދެކުނު ކޮރެއާގެ މުއާން އިންޓަނޭޝަނަލް އެއަރޕޯޓުގައި ފްލައިޓެއް ވެއްޓި ހިނގި ހިތާމަވެރި ޙާދިސާއާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެ ޤައުމުގެ ވަގުތީ ރައީސް ޗޮއި ސަންގ-މޮކްއަށް ހަމްދަރުދީގެ މެސެޖެއް ފޮނުއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ތައުޒިޔާގެ މެސެޖުގައި ވިދާޅުވެފައިވަނީ މުއާން އިންޓަނޭޝަނަލް އެއަރޕޯޓުގައި ފްލައިޓެއް ވެއްޓި ހިނގި ހިތާމަވެރި ޙާދިސާގެ ޚަބަރު އެއްސެވީ ހައިރާންކަމާއި ފުން ހިތާމައާއެކުގައި ކަމަށެވެ. ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި މި ޙާދިސާގައި މަރުވި މީހުންގެ ޢާއިލާތަކަށާއި ކޮރެއާ ސަރުކާރަށާއި ރައްޔިތުންނަށާއި، މި ޙާދިސާގެ ސަބަބުން އަސަރުކުރި ފަރާތްތަކަށް ވަރަށް އިޚްލާޞްތެރިކަމާއެކު ތަޢުޒިޔާ ވިދާޅުވެފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލައްވާފައިވަނީ މި ޙާދިސާގެ ސަބަބުން ދިމާވި ގެއްލުންތަކުން އަރައިގަތުމަށް ކުރެވެމުންދާ މަސައްކަތްތަކުން ކާމިޔާބު ލިބުމަށް އެދިވަޑައިގެން، އެކަމުން އަރައިގަތުމުގެ ހިތްވަރާއި ސާބިތުކަމަށް އެދިވަޑައިގަންނަވަމުންނެވެ.
މި ޙާދިސާއަކީ ދެކުނު ކޮރެއާގެ ޖޭޖޫ އެއަރގެ މަތިންދާބޯޓެއް، ޖެއްސުމުގެ ތެރެއިން އަލިފާން ރޯވެ ހިނގި ޙާދިސާއެކެވެ. މި ޙާދިސާގައި 179 މީހުން މަރުވެފައިވާއިރު، ސަލާމަތްވެފައިވަނީ ދެ ފަޅުވެރިން ކަމަށް ރިޕޯޓުތައް ބުނެއެވެ.
ޙާދިސާ ހިނގި ވަގުތު ނަގާފައިވާ ވީޑިޔޯތަކުން ފެންނަނީ، ލޭންޑިންގ ގިޔަރ ނުވަތަ އެއްގަމުގައި ދަތުރުކުރުމަށް ބޭނުންކުރާ ފުރޮޅުތަކާ ނުލައި، ރަންވޭގައި މަތިންދާބޯޓު ޖައްސަން މަސައްކަތް ކުރަމުންދިޔަ މަންޒަރެވެ. ނަމަވެސް، ރަންވޭއިން ބޭރަށް ކަހާލައި މަތިންދާބޯޓު ޖެހިފައި ވަނީ ވައިގެ ބަނދަރުގައި ހުރި ޢިމާރާތެއްގެ ފާރުގައެވެ.
މިއީ، ދެކުނު ކޮރެޔާގެ ތާރީޚުގައިވެސް ހިނގާފައިވާ އެންމެ ނުރައްކާތެރި ވައިގެ ޙާދިސާއެވެ.









