ރާއްޖެއާއި 900 ކިލޯމީޓަރު ދުރުން މިއަދު ކުޑަ ބިންހެލުމެއް އައިސްފިއެވެ.
ރާއްޖޭގެ މޫސުމާއިބެހޭ އިދާރާ، މެޓް އޮފީހުން ބުނީ 4.7 މެގްނިޓިއުޑްގެ ބާރުމިނުގައި އައި މި ބިންހެލުމުގެ އަސަރެއް ރާއްޖެއަކަށް ނުކުރާނެއެވެ. އެ ބިން ހެލުން އައިސްފައި ވަނީ މާލެއާއި 912 ކިލޯމީޓަރު ދުރަށެވެ.
މިއީ ބާރު ދަށް ބިންހެލުމެއް ކަމަށް ވާތީ، ސުނާމީގެ އިންޒާރެއް އެއްވެސް ސަރަހައްދަކަށް ދީފައެއް ނުވެ އެވެ. ބިން ހެލުން އައީ މިއަދު މެންދުރު ފަހު 1:38 ގައި، އިންޑިއާ ކަނޑުގެ އަޑީގައި އޮންނަ ކާލްސްބާގް ރިޖް ސަރަހައްދަށެވެ. އެއީ، ރާއްޖެއާއި އެންމެ ކައިރީގައި އޮންނަ ޓެކްޓޯނިކް ޕްލޭޓެވެ.
މީގެ ކުރިން ވެސް އެ ސަރަހައްދަށް އެކި ފަހަރު މަތިން ކުދި ބިންހެލުންތައް އައިސްފައިވެ އެވެ.
މީގެ 20 އަހަރު ކުރިން ޑިސެމްބަރު 26 ގައި އިންޑިއާ ކަނޑަށް އައި ބާރުގަދަ ބިންހެލުމުގައި ރާއްޖެއަށް ސުނާމީ އަރައި، ގިނަ ބަޔަކު މަރުވެ، އެތައް ބަޔަކު ހާލުގައި ޖެހުނެވެ.









