ތައިލެންޑުން ރާއްޖެ އައި ދެ ދިވެއްސަކު ދެ ކިލޯގެ ޑްރަގާ އެކު އެއާޕޯޓުން ހައްޔަރުކޮށްފި އެވެ.
ކަސްޓަމްސް އިން ރޭގައި ބުނީ ޑްރަގާ އެކު ހައްޔަރުކޮށްފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު ރާއްޖެ އައި އުމުރުން 41 އަހަރާއި 21 އަހަރުގެ ދިވެހި ދެ ފިރިހެނުން ކަމަށެވެ.
އެ ދެ މީހުންގެ އަމަލުތައް ހުރި ގޮތާ މެދު ޝައްކުވެގެން ފާސްކޮށް ބެލިބެލުމުން ޑްރަގް ފެނިފައި ވަނީ ހަށިގަނޑުގައި ޑްރަގް ރައްކާކޮށްފައި ހުއްޓާ ކަމަށް ވެސް ކަސްޓަމްސް އިން ބުންޏެވެ.
ކަސްޓަމްސް އިން ބުނީ އެ ތަކެތި ފުރަތަމަ މަރުހަލާގައި ޓެސްޓުކުރިއިރު، 32 ގްރާމް ހެރޮއިނަށް އަދި 2.1 ކިލޯގެ މެފެޑްރޯނަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އަދި އެ ތަކެތީގެ ޖުމްލަ ބަރުދަން 2.4 ކިލޯއަށް އަރާ ކަމަށް ކަސްޓަމްސް އިން ބުންޏެވެ.
އެ ތަކެތީގެ މަގުމަތީ އަގު 5.5 މިލިއަން ރުފިޔާއަށް އަރާނެ ކަމަށް ކަސްޓަމްސް އިން ލަފާކުރެ އެވެ.
ކްރިމިނަލް ކޯޓުން ވަނީ އެ ދެ މީހުންގެ ބަންދަށް 15 ދުވަސް ދީފަ އެވެ. ބަންދު އަމުރުގައި ބުނެފައިވާ ގޮތުގައި، އެ ދެ މީހުން ރާއްޖެ އައިރު އަރައިގެން ހުރި އިސްޓާކީނުގެ ތެރެއިންނާއި ބޮކްސާ ތެރެއިން ވެސް ޑްރަގް ފެނުނެވެ.









