ކީރިތި ޤުރުއާން ހިތުދަސްކުރާ ފަރާތްތަކަށް ސަނަދު ދިނުމަށް ބާއްވާ ޚާއްސަ ހަފްލާ ކޮންމެ އަހަރެއްގެވެސް ރަމަޟާން މަހުގެ 27 ވަނަ ރޭ ބޭއްވުމަށް ނިންމާފައިވާ ކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
މިކަމާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވަޒީރު ވިދާޅުވެފައިވަނީ، ދަސްވެނިވުމަށް ޚާއްސަ ޤައުނެއް ތައްޔާރުކުރާނެ ކަމަށާއި، ފުރަތަމަ ހަފްލާ މި އަންނަ ރަމަޟާން މަހުގެ 27 ވިލޭރޭ އޮންނާނެ ކަމަށެވެ.
ރާއްޖޭގައި ޙާފިޡުންގެ އަގުވަޒަންކުރުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ މެޑެއްޔާއި ހަނދާނީ ލިޔުމާއި އިނާމު ދެއްވައެވެ. އެގޮތުން، އޮކްޓޯބަރު 2022 އިން 1 ސެޕްޓެންބަރު 2024 ގެ ނިޔަލަށް ޤުރުއާން ހިތުދަސްކޮށްގެން ސަނަދު ޙާޞިލުކުރި 28 ޙާފިޡުންނަށް މިއަހަރު ވަނީ މެޑެއްޔާއި ހަނދާނީ ލިޔުމާއި އިނާމު ދެއްވާފައެވެ.
ވަޒީރު އިތުރަށް ވިދާޅުވެފައިވަނީ މިހާރުވެސް 3 މީހަކު ޤުރުއާން ހިތުދަސްކުރުމަށްފަހު އިމްތިހާނު ހަދަމުންދާ ކަމަށާއި 2 މީހަކު އިމްތިހާނު ހެދުމަށް އެދިފައިވާ ކަމަށެވެ. އަދި ފަސް އަހަރުގެ ކުއްޖަކުވެސް ޤުރުއާން ހިތުދަސްކުރުމަށްފަހު މުރާޖަޢާ ކުރުމަށް އެދިފައިވާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
މީގެ އިތުރުން، ސަރުކާރުން ވަނީ ކީރިތި ޤުރުއާން ހިތުދަސްކުރާ ފަރާތްތައް ޢުމްރާއަށް ފޮނުވުމުގެ މަޝްރޫޢެއްވެސް މިއަހަރު އިފްތިތާޙުކޮށްފައެވެ.









