މިއަހަރުގެ މިހާތަނަށް ޤަވާޢިދާ ޚިލާފަށް އުޅޭ 5,000 އަށްވުރެ ގިނަ ބިދޭސީން އަނބުރާ އެމީހުންގެ ޤައުމަށް ފޮނުވާލެވިފައިވާ ކަމަށް ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު ޝަމްޢާން ވަޙީދު ވިދާޅުވެއްޖެއެވެ.
ލޯކަލް މާރުކޭޓު ސަރަޙައްދުގައި ކުރިއަށް ގެންދިޔަ ރެއިޑު އޮޕަރޭޝަނަށް ފަހު ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި ޝަމްޢާން ވިދާޅުވީ އިމިގްރޭޝަން ވޮޗް" އަށް ބިދޭސީންނާ ގުޅޭ ގިނަ ޝަކުވާތަކެއް ލިބިފައިވާ ކަމަށާއި، އެ ޝަކުވާތަކަށް ބަލައި، ފާހަގަކުރެވޭ ސަރަޙައްދުތައް ބަލައި ފާސްކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
މިއަހަރުގެ މިހާތަނަށް ޤަވާޢިދާ ޚިލާފަށް އުޅޭ 5,000 އަށްވުރެ ގިނަ ބިދޭސީން އަނބުރާ އެމީހުންގެ ޤައުމަށް ފޮނުވާލާފައިވާއިރު، އަންނަ އަހަރުގެ އަމާޒަކީ މި ޢަދަދު ދެގުނައަށް އިތުރު ކުރުން ކަމަށްވެސް ޝަމްޢާން ވިދާޅުވިއެވެ.
"މަސައްކަތްތައް ފެށުނު އިރު ކޮންމެވެސް ވަރަކަށް ސްލޯ ކަމެއް ހުރިނަމަވެސް ފަހުން ބޭނުންވާ ސްޕީޑްގައި މަސައްކަތްތައް ކުރިއަށް ގެންދެވުނު. އަންނަ އަހަރު މިއަށް ވުރެއްވެސް ބޮޑަށް މަސައްކަތްތައް ކުރިއަށް ގެންދެވޭނެ، އަވަސްވެސް ކުރެވޭނެ." ޝަމްޢާން ވިދާޅުވިއެވެ.
އިމިގްރޭޝަންގެ މަސައްކަތްތައް ފުޅާކުރުމުގެ ގޮތުން އަންނަ އަހަރު އަތޮޅުތެރެއަށް ޒިޔާރަތްކޮށް ޤަވާޢިދާ ޚިލާފަށް އުޅޭ ބިދޭސީން ދެނެގަތުމުގެ މަސައްކަތް ކުރާނެ ކަމަށްވެސް ޝަމްޢާން ވިދާޅުވިއެވެ. މީހުން ފުރުވާލުމުގެ މަސައްކަތާއި ރެއިޑު އޮޕަރޭޝަންތައް އަވަސް ކުރަނީ ބިދޭސީންގެ މައްސަލައަށް އަވަސް ޙައްލުތަކެއް ހޯދުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.
ލޯކަލް މާރުކޭޓު ސަރަޙައްދުގައި ކުރިއަށް ގެންދިޔަ ރެއިޑު އޮޕަރޭޝަނުގައި ހާބަރުގައި ހުރި ދޯނިފަހަރުތަކާއި މާރުކޭޓު ގޮޅިތަކުގައި ތިބި ބިދޭސީންގެ މަޢުލޫމާތުތައް ވަނީ ނަގާފައެވެ. އަދި ޤަވާޢިދާ ޚިލާފަށް އުޅެމުން ދިޔަ ގިނަ ޢަދަދެއްގެ ބިދޭސީން ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.









