މާލޭ ލޯކަލް މާރުކޭޓު ސަރަޙައްދުގައި ހިންގި އޮޕަރޭޝަނެއްގައި 23 ބިދޭސީއަކު އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
އިމިގްރޭޝަނުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ބިދޭސީންގެ ބޮޑު ކޮންޓްރޯލެއް އޮންނަކަމަށް މަޢުލޫމާތު ލިބިފައިވާ މާލޭގެ ލޯކަލް މާރުކޭޓު ސަރަޙައްދުގައި ޓާސްކުފޯހުން ރެއިޑު އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައިވާކަމަށެވެ. މި އޮޕަރޭޝަންގައި އެ ސަރަޙައްދުގައި އަޅާފައިވާ އުޅަނދުފަހަރާއި އެ ސަރަޙައްދުން ލަފާ ފުރާ އުޅަނދުފަހަރުވެސް ބަލައި ފާސްކޮށްފައިވާކަމަށް އިމިގްރޭޝަނުން ބުންޏެވެ.
މި އޮޕަރޭޝަނުގައި ޖުމްލަ 148 ބިދޭސީން ބަލައި ފާސްކޮށްފައިވާ ކަމަށާއި، އޭގެ ތެރެއިން ޤަވާޢިދާ ޚިލާފަށް އުޅޭކަމަށް ފާހަގަވި 23 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށް އިމިގްރޭޝަނުން ބުންޏެވެ. މި 23 ބިދޭސީންގެ ތެރޭގައި ހިމެނެނީ 22 ފިރިހެނުންނާއި އަންހެނެއް ކަމަށްވެސް އިމިގްރޭޝަނުން ބުންޏެވެ.
މި އަހަރުގެ ތެރޭގައި ރާއްޖޭގައި ޤަވާޢިދާ ޚިލާފަށް އުޅެމުންދާ ބިދޭސީން ހޯދުމަށް ގިނަ އޮޕަރޭޝަންތަކެއް އިމިގްރޭޝަނުން ހިންގާފައިވެއެވެ. މި އޮޕަރޭޝަންތަކުގެ ނަތީޖާއެއްގެ ގޮތުން، ޤަވާޢިދާ ޚިލާފަށް އުޅެމުންދާކަމަށް ދެނެގަނެވުނު 4000 އަށްވުރެ ގިނަ ބިދޭސީން މިހާތަނަށް ވަނީ ޑީޕޯޓްކޮށްލާފައެވެ.
މި އޮޕަރޭޝަނަކީ ރާއްޖޭގައި ޤަވާޢިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ޙައްލުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ބައެއްކަން ފާހަގަކުރެވެއެވެ.









