ހުޅުމާލޭގައި ޤަވާޢިދާ ޚިލާފަށް ވެހިކަލް ދޮވެ ސާފުކުރުމުގެ މަސައްކަތް ކުރަމުންދިޔަ 8 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
އިމިގްރޭޝަނުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ މި ބިދޭސީން ހައްޔަރުކޮށްފައިވަނީ ހުޅުމާލޭގެ ފުރަތަމަ އަދި ދެވަނަ ފިޔަވަހީގެ އެކި ސަރަޙައްދުތަކުގައި ކުރިއަށް ގެންދިޔަ ރެއިޑް އޮޕަރޭޝަނެއްގައި ކަމަށެވެ. މި އޮޕަރޭޝަން އަމާޒުކޮށްފައިވަނީ ޤަވާޢިދާ ޚިލާފަށް ވެހިކަލް ސާފުކުރުމުގެ މަސައްކަތް ކުރަމުންދާ ބިދޭސީންނަށެވެ.
އިމިގްރޭޝަނުން ބުނީ އެ އިދާރާގެ ބެދުމުގެ ދަށަށް ގެންދިޔަ 8 ބިދޭސީންގެ އަތުން ޞައްޙަ ވިސާ ފެނިފައި ނުވާ ކަމަށެވެ.
ޤަވާޢިދާ ޚިލާފަށް ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ މައްސަލަ ޙައްލުކުރުމަށް އިމިގްރޭޝަނާއި ކަމާބެހޭ އެހެނިހެން އިދާރާތަކާ ގުޅިގެން ޚާއްޞަ އޮޕަރޭޝަންތަކެއް ކުރިއަށް ގެންދާކަން އިމިގްރޭޝަނުން ފާހަގަކުރިއެވެ. މި އޮޕަރޭޝަންތަކުގެ ދަށުން ގިނަ ޢަދަދެއްގެ ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށްވެސް އެ އިދާރާއިން ބުންޏެވެ.
ސަރުކާރުގެ އަމާޒަކީ ޤަވާޢިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ހިންގާ މި އޮޕަރޭޝަން ކުރިއަށް އޮތް އަހަރެއްހާ ދުވަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށަކަށް ފުޅާކުރުމެވެ. އަދި ބިދޭސީންގެ މައްސަލަތަކަށް ތިން އަހަރުގެ ތެރޭގައި ޖުމްލަ ޙައްލެއް ގެނައުމަކީވެސް ސަރުކާރުގެ އަމާޒެއްކަމަށް އިމިގްރޭޝަނުން ފާހަގަކުރިއެވެ.









