ގަލޮޅުދަނޑުގައި މިރޭ ކުޅުނު ވާދަވެރި ފައިނަލް މެޗުގައި އައްޑޫ ސިޓީ 2-0 އިން ބަލިކޮށް 90 ޕުލްސް ގޯލްޑް ކަޕްގެ ތަށި ބ. އޭދަފުށިން ކާމިޔާބުކޮށްފިއެވެ.
މި މުބާރާތުގެ ފައިނަލަށް ދަތުރުކުރި އެއްވެސް މެޗަކުން ބަލިނުވެ އޮތް އައްޑޫ ސިޓީގެ ޓީމު، އޭދަފުށިން މިވަނީ ފައިނަލް މެޗުގައި ބަލިކޮށްފައެވެ. އެއްވެސް މެޗަކުން ބަލިނުވެ ފައިނަލަށް ދަތުރުކުރި އައްޑޫ ސިޓީ އޭދަފުށިން ބަލިކޮށްލުމަކީ ފުޓުބޯޅަ ދިރާސާ ކުރާ ފަރާތްތަކަށް ސަޕްރައިޒަކަށް ނުވިއެވެ. ސަބަބަކީ އޭދަފުށީ ޓީމާއި ދޭތެރޭ އޮތް އިތުބާރެވެ.
ގަލޮޅު ދަނޑުގައި 36 އަހަރަށްފަހު އައްޑޫގެ ޓީމަކާ އޭދަފުށި ބައްދަލުކޮށް، އައްޑޫގެ މޮޅުވުމުގެ ރޭހަށް ނިމުމެއް ގެނެސްދީ ފުޓުބޯޅަ ތާރީޚް ބަދަލުކޮށްލި މި މުބާރާތުގެ ފައިނަލް މެޗުގެ ޝަރަފްވެރިކަން މިރޭ ކޮށްދެއްވީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒެވެ.

މިރޭގެ މެޗު ޝަރަފްވެރިކޮށްދެއްވީ ރައީސް މުޢިއްޒު. / ފޮޓޯ: ޚުލާސާ
ފުރަތަމަ ހާފާއި ދެވަނަ ހާފްގައި ގޯލު ޖަހައި ބ. އޭދަފުށްޓަށް ވަނީ 90 ޕުލަސް ގޯލްޑް ކަޕްގެ ތަށި ގެންދިއުމުގެ ޝަރަފު ލިބިފައެވެ. ބ. އޭދަފުށި މި ތަށި ޙާސިލްކޮށްފައިވަނީ ސަޕޯޓަރުންގެ ޖޯޝާއި ފޯރިއާއެކު އެވެ. އެގޮތުން ދަނޑުގައި ތިބި އޭދަފުށީގެ ސަޕޯޓަރުންގެ އަޑުގަދަ ހިތްވަރުދިނުމާއި ފޯރި، މެޗުގެ ނަތީޖާއަށް ބޮޑު އަސަރެއް ކޮށްފައިވާކަން ފާހަގަކުރެވެއެވެ.
މިރޭގެ މެޗުގައި އޭދަފުށީގެ ފުރަތަމަ ލަނޑު ޖަހާފައިވަނީ ކުރިން ފުރަތަމަ ޑިވިޝަނުގައިވެސް ކުޅެފައިވާ މުޙައްމަދު ފާސިރު (ފާއްޓޭ) އެވެ. ހަމްޒާ މުޙައްމަދު (ހަމްޕް) ނަގައިދިން ކޯނަރެއް ބޮލުން ފޮނުވާލައިގެން ފާއްޓޭ މި ގޯލު ޖެހިއިރު، މެޗުގެ 90 ވަނަ މިނެޓުގައި އޭދަފުށީގެ ދެވަނަ ލަނޑު ޖަހާފައިވަނީ އަލީ ފާސިރު (ސެންޓޭ) އެވެ. އައްޑޫގެ ޑިފެންޑަރުން ހަމްޕްއަށް ސަމާލުކަން ދީފައި ތިއްބާ، ހަމްޕްގެ ފަހަތުން އަރައި ސެންޓޭއަށް ލިބުނު ބޯޅަ ގޯލްގެ ތެރެއަށް ފޮނުވާލާފައި ރާއްޖޭގެ ބްރެޒިލް ކަމަށް ބުނާ އޭދަފުށިން ތަށި ހޯދިއިރު މި މެޗުގައި އައްޑޫގެ ޓީމަށް ގިނަ ފުރުޞަތުތަކެއް ލިބުނު ނަމަވެސް، އެ ފުރުޞަތުތައް ބޭނުން ކުރުމުގައި ދަތިތަކާ ކުރިމަތިވެފައިވެއެވެ. އިބްރާހިމް މަހްދީ ހުސައިން (ފޭދޫ އިއްބެ) އާއި އިބްރާހިމް ވަހީދު ހަސަން މެދުވެރިކޮށް އިސްމާއީލް އީސާއަށް ލިބުނު ފުރުޞަތުގައި ވެސް ޝޮޓުގައި ބާރެއް ނެތުމުން ގޯލެއް ޖެހޭވަރެއް ނުވިއެވެ.
މީގެ ކުރިން އެންމެ ފަހުން އައްޑޫގެ ޓީމަކާ އޭދަފުށި ބައްދަލުކުރީ 1988 ވަނަ އަހަރުއެވެ. އޭރު ސ. ފޭދޫ ޓީމާ ދެކޮޅަށް ކުޅުނު މެޗުގައިވެސް އޭދަފުށި ވަނީ 2-0 އިން މޮޅުވެފައެވެ.









