އާސެނަލްގެ ތަރި ބުކަޔޯ ސަކާ އަށް ސީރިއަސް އަނިޔާއެއް ވެ، ގިނަ ދުވަސްތަކަކަށް ކުޅުމާ ދުރަށް ދާންޖެހިފައިވާ ކަމަށް އެ ޓީމުގެ ކޯޗު މިކޭލް އާޓޭޓާ ބުނެފިއެވެ.
ސަކާއަށް މި އަނިޔާވީ މިދިޔަ ހޮނިހިރު ދުވަހު ކްރިސްޓަލް ޕެލަސްއާ ދެކޮޅަށް ކުޅުނު ޕްރިމިއަރ ލީގު މެޗުގައެވެ. އާޓޭޓާ ބުނި ގޮތުގައި ސަކާއަށް އަލުން ކުޅުމުގެ ތެރެއަށް އާދެވޭނެ ދުވަހެއް ބުނަންވެސް ނޭނގެއެވެ.
"މިއީ ސީރިއަސް އަނިޔާއެއް. ސަކާ ގިނަ ދުވަސްތަކަކަށް ކުޅުމާ ދުރަށް ދާންޖެހޭނެ. އަޅުގަނޑުމެން މިހާރު ވިސްނަމުން މިދަނީ އޭނާ ނެތްތަން ފޫބެއްދޭނެ ގޮތަކާ މެދު،" އާޓޭޓާ ބުންޏެވެ.
މި ސީޒަނުގައި މިހާތަނަށް އާސެނަލް ކުޅުނު 24 މެޗުގައި ސަކާ ވަނީ 9 ލަނޑު ޖަހައި، 13 އެސިސްޓް ދީފައެވެ. 2018 ވަނަ އަހަރު އާސެނަލްއާ ގުޅުނު ސަކާ ވަނީ މިހާތަނަށް އެ ކްލަބަށް ކުޅުނު 250 މެޗުގައި 67 ލަނޑު ޖަހާފައެވެ.
އާޓޭޓާ ބުނި ގޮތުގައި މި ސީޒަނުގައި އެ ޓީމުގެ މުހިންމު ކުޅުންތެރިންނަށް އަނިޔާވެ ކުޅުމާ ދުރަށް ދާންޖެހުނު ނަމަވެސް، އެކަމަށް ގޮތްތަކެއް ހޯދާފައިވެއެވެ. އެހެންކަމުން، ސަކާގެ އަނިޔާއަކީ އާސެނަލްގެ ކުޅުމަށް ބޮޑު ލޮޅުމެއް އަރާނެ ކަމެއް ކަމަކަށް ނުބެލެވެއެވެ.









