ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިޔާ ފުލެޓް ސަރަޙައްދުން 4 މީހަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
މިކަން ހާމަކުރަމުން އިމިގްރޭޝަނުން ބުނެފައިވަނީ، އެ ސަރަޙައްދުގައި ހިންގަމުންދާ ވިޔަފާރިތަކަށް ޚާއްސަކޮށްގެން ރެއިޑް އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.
އިމިގްރޭޝަނުން ބުނީ މި އޮޕަރޭޝަންގައި 26 ތަނެއް ބަލައި ފާސްކޮށްފައިވާކަމަށެވެ. މީގެ ކުރިން، މި މަހުގެ 21 ވަނަ ދުވަހުވެސް އެ ސަރަޙައްދުގައި ހިންގަމުންދާ ވިޔަފާރިތަކަށް ޚާއްސަކޮށްގެން ރެއިޑް އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައިވާކަމަށާއި އެ އޮޕަރޭޝަނުގައި 8 ފިހާރަ، 4 ކެފޭ، އަދި ބޭކަރީ ފަދަ ތަންތަނާއި ސެލޫނެއް ބަލައި ފާސްކޮށް، ޤަވާޢިދާ ޚިލާފަށް މަސައްކަތްކުރަމުންދިޔަ 3 މީހަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށް އިމިގްރޭޝަނުން ހާމަކުރިއެވެ.
އިމިގްރޭޝަނުން ދަނީ ޤަވާޢިދާ ޚިލާފަށް ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ މައްސަލަ ޙައްލުކުރުމަށްޓަކައި، ކަމާބެހޭ އެހެނިހެން އިދާރާތަކާ ގުޅިގެން ޚާއްސަ އޮޕަރޭޝަންތަކެއް ކުރިއަށްގެންދަމުންނެވެ.
ސަރުކާރުގެ އަމާޒަކީ ޤަވާޢިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ހިންގާ މި އޮޕަރޭޝަން ކުރިއަށް އޮތް އަހަރެއްހާ ދުވަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށަކަށް ފުޅާކުރުމެވެ. މީގެ އިތުރުން، ބިދޭސީންގެ މައްސަލަތަކަށް ތިން އަހަރުގެ ތެރޭގައި ޖުމްލަ ޙައްލެއް ގެނައުމަކީވެސް ސަރުކާރުގެ އަމާޒެއްކަމަށް އިމިގްރޭޝަނުން ފާހަގަކުރިއެވެ.









