ޕެނަމާ ކެނޭލް އަލުން އެމެރިކާގެ ބާރުގެ ދަށަށް ގެންނާނެ ކަމަށް ވިދާޅުވެ އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕް އިންޒާރު ދެއްވައިފިއެވެ.
އެރިޒޯނާ ސްޓޭޓުގައި ބޭއްވުނު އެމެރިކާފެސްޓުގައި ވާހަކަފުޅު ދައްކަވަމުން ޓްރަމްޕް ވިދާޅުވީ ޕެނަމާ ކެނޭލް ބޭނުންކުރުމަށް އެމެރިކާ އަތުން އާދަޔާ ޚިލާފު ބޮޑު އަގެއް ޕެނަމާއިން ނަގަމުންދާ ކަމަށެވެ. އަދި މިއީ ޤަބޫލުކުރެވޭ އަގުތަކެއް ނޫން ކަމަށް ފާހަގަކުރެއްވިއެވެ. އޭނާ އިތުރަށް ވިދާޅުވީ ޕެނަމާއިން އެމެރިކާއާ މެދު އިންސާފުވެރިކޮށް ކަންތައް ނުކުރާ ކަމަށާއި، އެ ގޮތަށް ކަންތައް ނުކުރާނަމަ، އިތުރު ސުވާލުކުރުމެއް ނެތި ކެނޭލް އެމެރިކާއަށް އަނބުރާ ދޭންޖެހޭނެ ކަމަށެވެ.
ޕެނަމާ ކެނޭލަކީ ދުނިޔޭގެ ކަނޑުމަގުން ކުރާ ވިޔަފާރީގެ 2.5 އިންސައްތަ ޙިއްޞާކުރާ މުހިންމު މަގެކެވެ. އަހަރަކު 14,000 އަށްވުރެ ގިނަ ބޯޓު މި މަގުން ދަތުރުކުރެއެވެ. އެމެރިކާއަށް އޭޝިއާއިން އެތެރެކުރާ ވިޔަފާރި މުދަލާއި، އެމެރިކާއިން ބޭރުކުރާ ޤުދުރަތީ ގޭސް ފޯރުކޮށްދިނުމުގައި މި ކެނޭލް ވަރަށް މުހިންމު ދައުރެއް އަދާކުރެއެވެ.
ޓްރަމްޕްގެ މި ބަސްފުޅުތަކަށް ޕެނަމާގެ ރައީސް ހޯސޭ ރައުލް މުލީނޯ ވަނީ ރައްދު ދެއްވައިފައެވެ. ރައީސް މުލީނޯ ވިދާޅުވީ ޕެނަމާގެ މިނިވަންކަމަކީ އެއްވެސް ޙާލެއްގައި މަޝްވަރާ ކުރެވޭނެ ކަމެއް ނޫން ކަމަށާއި، ޕެނަމާ ކެނޭލްގެ ހިންގުމުގެ މައްޗަށް ޗައިނާގެ އެއްވެސް ބާރެއް ނުވަތަ ނުފޫޒެއް ނޯންނަ ކަމަށެވެ. އަދި ކެނޭލަށް ނަގާ އަގުތަކަކީ ހިތުހުރި ގޮތަކަށް ކަނޑައަޅާފައިވާ އަގުތަކެއް ނޫން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ޕެނަމާ ކެނޭލް އެމެރިކާގެ ބާރުގެ ދަށަށް ގެނައުމަށް ޓްރަމްޕް ވިސްނަވަނީ ކޮން ގޮތަކުންކަމެއް ސާފެއް ނުވިއަސް، އެއްވެސް ބައިނަލްއަޤްވާމީ ޤާނޫނަކުން އެމެރިކާއަށް އެ ކަމަށް ޤާނޫނީ ބާރެއް ނުލިބެއެވެ. މިއީ އެމެރިކާގެ ސަރަޙައްދު ފުޅާ ކުރުމާ ގުޅޭގޮތުން ޓްރަމްޕް ވާހަކަ ދެއްކެވި ފުރަތަމަ ފަހަރެއް ނޫނެވެ. ކުރިން ވެސް އޭނާ ވަނީ ކެނެޑާ އަދި ގްރީންލޭންޑް ފަދަ ސަރަޙައްދުތަކާ ގުޅޭގޮތުން މިފަދަ ވާހަކަތައް ދައްކަވައިފައެވެ.









