ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާންކުރެއްވި 5 މިލިޔަން ގަސް އިންދުމުގެ ޕްރޮގުރާމްގެ ދަށުން ސްޓެލްކޯއިން މިހާތަނަށް 52،334 ގަސް އިންދާފައިވާ ކަމަށް އެ ކުންފުނިން ބުނެފިއެވެ.
ސޯޝަލް މީޑިއާގައި ހިއްސާކުރި ޕޯސްޓެއްގައި ސްޓެލްކޯއިން ބުނެފައިވަނީ މި ޢަދަދަށް ގަސް އިންދާފައިވަނީ މިއަހަރުގެ ޖޫން މަހުގެ 5 ވަނަ ދުވަހުން ފެށިގެން އިއްޔެއާ ހަމައަށް ކަމަށެވެ. 5 މިލިޔަން ގަސް އިންދުމުގެ ޕްރޮގުރާމްގެ ދަށުން 500،000 ގަސް އިންދުމަށް ސްޓެލްކޯއިން ވަނީ އަމާޒު ހިފާފައެވެ.
ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ފަހުމީ ވިދާޅުވެފައިވަނީ ސްޓެލްކޯގެ 500،000 ގަސް އިންދުމުގެ އަމާޒަށް ވާޞިލުވުމަށް މަހަކު 8،340 ގަސް އިންދަމުން ގެންދާނެ ކަމަށެވެ.
5 މިލިޔަން ގަސް އިންދުމުގެ ވަޢުދު ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގަތީ މިދިޔަ އަހަރުގެ ޑިސެންބަރު މަހުގެ 1 ވަނަ ދުވަހު ކޮޕް-28 ސަމިޓުގައި ދެއްވި ތަޤުރީރުގައެވެ. މި ޕްރޮގުރާމް ފަށާފައިވަނީ މިއަހަރުގެ ތިމާވެށީގެ ދުވަސްކަމުގައިވާ ޖޫން މަހުގެ 5 ވަނަ ދުވަހުއެވެ.
މި ޕްރޮގްރާމުގެ މަޤްޞަދަކީ ރާއްޖެއިން ނެތެމުންދާ ގަސްތައް އަލުން އާލާކޮށް، ފެހިކަން އިތުރުކޮށް މާހަޢުލީ ނިޒާމު ދަމަހައްޓައި މޫސުމީ ބަދަލުތަކަށް ވިލުންތެރިކަން އިތުރުކުރުމެވެ.






