މި ސަރުކާރުން ކޮރަޕްޝަނަށް އެއްވެސް ވަރަކަށް ޖާގައެއް ނުދޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ މުހަންމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. މިހެން ވިދާޅުވީ މިއަދު އެޗްޑީސީގެ މައްސަލައާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް މުޢިއްޒު ވިދާޅުވީ، "މިނިސްޓްރީއެއްގައި ވިޔަސް، ކުންފުންޏެއްގައި ވިޔަސް، މުއައްސަސާއެއްގައި ވިޔަސް، ދައުލަތުގެ މުއައްސަސާއެއްގެ ތެރޭގައި އެކަހަލަ ކަމެއް ހިނގަނީ ނަމަ، އަޅުގަނޑު އެދެނީ އޭ.ސީ.ސީ އާއި ދައުލަތުގެ ކަމާބެހޭ ފަރާތްތަކުން އެކަންކަން ބަލައި ފިޔަވަޅު އެޅުމަށް" ކަމަށެވެ. އަދި އެއީ އެމަނިކުފާނު ޤަބޫލުކުރައްވާ އަދި ޢަމަލުކުރައްވާނެ ގޮތް ކަމުގައިވެސް ވިދާޅުވިއެވެ.
ދައުލަތުގެ އެއްވެސް މުއައްސަސާއެއްގައި ކޮރަޕްޝަންގެ ޢަމަލެއް ހިންގާފައިވާކަމުގެ ޝައްކު އުފެދިއްޖެނަމަ، އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭ.ސީ.ސީ) އާއި ކަމާގުޅުންހުރި އެހެނިހެން އިދާރާތަކުން އެކަމެއް ފުރިހަމައަށް ތަޙްޤީޤުކޮށް، އަޅަންޖެހޭ ޤާނޫނީ ފިޔަވަޅުތައް ލަސްނުކޮށް އެޅުމަށް ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު މުޢިއްޒު އިލްތިމާސް ކުރެއްވިއެވެ. މީގެއިތުރުން، ކޮރަޕްޝަނާ ދެކޮޅަށް ހަރުދަނާ ފިޔަވަޅުތައް އެޅުމަކީ އެމަނިކުފާނުގެ ސަރުކާރުގެ އަސާސީ ސިޔާސަތެއްކަން ޔަޤީންކޮށްދެއްވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، "ކޮރަޕްޝަނަށް ނޯންނާނެ އެއްވެސް ފުރުސަތެއް. އެއީ ކޮންމެ މީހެއް ކަމުގައި ވިޔަސް، ގަވާއިދާއި ޤާނޫނާ ޚިލާފަށް ނުފޫޒު ބޭނުންކޮށްގެން އަމިއްލަ ފައިދާއަކަށް އެއްވެސް ކަމެއް ކުރުމަކީ އަޅުގަނޑު ޖާގަ ދޭނެ ކަމެއް ނޫން. އެހެންވީމާ އެގޮތަށް ކުރިޔަށް އޮތްތާގައިވެސް ކުރިޔަށްދާނީ" ކަމަށެވެ.
ކުރީގެ ސަރުކާރުތަކުން މިފަދަ ކަންކަމާ މެދު ޢަމަލުނުކޮށް އޮތީ ކީއްވެގެންކަމުގެ ސުވާލަށް ޖަވާބު ދެއްވަންޖެހޭނީ އެ ބޭފުޅުން ކަމަށްވެސް ރައީސް މުޢިއްޒު ވިދާޅުވިއެވެ.









