ސަރުކާރުގެ މަޤާމުތަކަށް މީހުން ޢައްޔަންކުރަނީ ވައްކަން ކުރުމަށް ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
އެޗްޑީސީގެ މައްސަލައާ ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، މަޤާމުތަކަށް މީހުން ޢައްޔަންކުރަނީ ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު ރައްޔިތުންނަށް ޚިދުމަތް ދިނުމަށް ކަމަށެވެ.
"އަޅުގަނޑު މަޤާމުތަކަށް މީހުން ލަނީ ވައްކަން ކުރާކަށް ނޫން، ކޮރަޕްޝަން ހިންގާކަށް ނޫން، ޤަވާޢިދާ ޚިލާފަށް ކަމެއް ކުރާކަށްވެސް ނޫން. އޭގެ ބަދަލުގައި ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު ރައްޔިތުންނަށް ޚިދުމަތް ދިނުމަށް." ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، އެއްވެސް ފަރާތަކުން ކޮރަޕްޝަނުގެ ޢަމަލެއް ހިންގާކަން އެނގިއްޖެނަމަ، އެފަދަ ފަރާތްތައް މަޤާމުން ދުރުކުރައްވާނެ ކަމަށާއި، އެފަދަ ޢަމަލުތައް ހުއްޓުވާނެ ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައިވެސް މިފަދަ ކަމެއް ހިނގައިފިނަމަ، ހަމަ އެގޮތަށް ޢަމަލުކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
"މި ސަރުކާރަކުން ކޮރަޕްޝަނަކަށް ޖާގައެއް ނޯންނާނެ، އެއްވެސް ވަރަކަށް ޖާގައެއް ނޯންނާނެ." ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، މިނިސްޓްރީއެއްގައި ވިޔަސް، ކުންފުންޏެއްގައި ވިޔަސް، މުއައްސަސާއެއްގައި ވިޔަސް، ދައުލަތުގެ މުއައްސަސާއެއްގެ ތެރޭގައި އެކަހަލަ ކަމެއް ހިނގާނަމަ، އެންޓި-ކޮރަޕްޝަން ކޮމިޝަނާއި ދައުލަތުގެ ކަމާބެހޭ ފަރާތްތަކުން އެކަންކަން ބަލައި ފިޔަވަޅު އެޅުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.









