ހޮލީވުޑްގެ މަޝްހޫރު ސުޕަހީރޯ ފިލްމު ސިލްސިލާ، ސުޕަމޭންގެ އައު ބައިގެ ޓީޒާ ޓްރެއިލަރ ދައްކާލައިފިއެވެ. މި ފިލްމަކީ އަންނަ އަހަރުގެ އެންމެ އުންމީދީ ހޮލީވުޑް ފިލްމުތަކުގެ ތެރޭގައި ހިމެނޭ އެއް ފިލްމެވެ.
ޑީސީ އާއި ވޯނާ ބްރޮސް އިން ޒަމާނާއި ގުޅޭ ގޮތަށް ގެނެސްދޭ މި ފިލްމު ސިނަމާތަކަށް ގެންނަން ތާވަލުކޮށްފައި ވަނީ 2025 ވަނަ އަހަރުގެ ޖުލައި 11 ވަނަ ދުވަހުއެވެ. ފިލްމު ލިޔެ، ޑައިރެކްޓްކޮށްފައި ވަނީ ޖޭމްސް ގަންއެވެ.
މި ފިލްމުގައި ސުޕަމޭންގެ މައި ދައުރު އަދާކުރާނީ ޑޭވިޑް ކޮރެންސްވެޓެވެ. ސުޕަމޭންގެ އެންމެ ފަހުގެ ފިލްމަކީ 2013 ގައި ހެންރީ ކެވިލްއާ އެކު ގެނެސްދިން "މޭން އޮފް ސްޓީލް" އެވެ. އާ ފިލްމުގައި ވެސް ކުރިން މައި ދައުރު ކުޅޭ ގޮތަށް އޮތީ ހެންރީ ކެވިލްއެވެ. ނަމަވެސް ކާސްޓަށް ބޮޑު ބަދަލެއް ގެންނަން ނިންމިކަން އިއުލާންކުރީ 2022 ގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ.
ފިލްމުގެ ބަތަލާގެ ގޮތުގައި ފެނިގެންދާނީ ރެޗެލް ބްރޮސްނަހަންއެވެ. މީގެ އިތުރުން ފިލްމުގެ ކާސްޓުގައި އީޒަބެލާ މާސީޑް، އެޑީ ގެތީގީ، ނަތަން ފިލަން، އެންތަނީ ކެރިގަން، ސާރާ ސަމްޕައިއޯ، މަރާޔާ ގެބްރިއެލާ، ސްކައިލާ ގިޒޮންޑޯ އަދި ނިކޮލަސް ހޯލްޓް ފަދަ ތަފާތު ތަރިން ބައިވެރިވެއެވެ.
މި އައު ސުޕަމޭން ފިލްމުގެ ޓީޒާ ޓްރެއިލަރ ދެއްކުމާއެކު، ގިނަ ބައެއްގެ މެދުގައި ފިލްމާ ދޭތެރޭ ޝައުގުވެރިކަން އުފެދިފައިވާކަން ފާހަގަކުރެވެއެވެ.






