އެމެރިކާ ސަރުކާރުން ސީރިއާގެ ހަޔާތު ތަހްރީރު އައްޝާމް (އެޗްޓީއެސް) ގެ ލީޑަރު އަބޫ މުޙައްމަދު އަލް-ޖޫލާނީގެ ބޮލަށް ހުށަހަޅާފައިވާ 10 މިލިއަން ޑޮލަރުގެ އިނާމު ރަސްމީކޮށް އުވާލައިފިއެވެ. މި އިނާމަކީ 2013 ވަނަ އަހަރު "ރިވޯޑްސް ފޯ ޖަސްޓިސް" ޕްރޮގްރާމްގެ ދަށުން އިޢުލާނުކޮށްފައިވާ އިނާމެކެވެ.
އެމެރިކާއިން މި އިނާމު އުވާލާފައިވާއިރު، މީގެ ކުރިން އެމެރިކާއިން ލޭބަލް ކޮށްފައިވާ އިސްލާމީ ޓެރަރިސްޓުންގެ ލިސްޓުން ވެސް ޖޫލާނީއާއި އޭނާގެ ޖަމާޢަތް ވަނީ އުނިކޮށްފައެވެ.
އަލް-ޖޫލާނީގެ ބާރު ސީރިއާގައި ވަރަށް ބޮޑަށް އިތުރުވެފައިވެއެވެ. އޭނާގެ ގްރޫޕް އެޗްޓީއެސްއިން އިދްލިބް ޕްރޮވިންސްގެ ބޮޑު ބައެއް ކޮންޓްރޯލް ކުރެއެވެ. ކުރީގައި އަލްޤާއިދާއާ ގުޅިފައިވާ ޖަމާޢަތެއްގެ ގޮތުގައި އޮތް ނަމަވެސް، 2016 ގައި ޖޫލާނީ އަލްޤާއިދާއާއި ގުޅުން ކަނޑާލީ އެމެރިކާ އާއި ޤަޠަރުން ގިނަ ޢަދަދެއްގެ ފައިސާ ދިނުމުން ކަމަށް ޚަބަރުތައް ބުނެއެވެ.
އެޗްޓީއެސްއިން މިހާރު ބައިނަލްއަޤުވާމީ ޖިހާދީ ވިއުގަތަކާއި މުޅިން ދުރުވެފައިވާއިރު ސީރިއާއަށް އަރައި ބައްޝާރުލް އަސަދުގެ ވެރިކަން ވައްޓާލީ އެމެރިކާއިން ހަތިޔާރާއި އިތުރު ހަނގުރާމަވެރިންވެސް ދީގެންނެވެ. މީގެ އިތުރުން އިސްލާމްދީނަށްޓަކައި ޖިހާދު ކުރުމުގެ ނަމުގައި އެކި ޤައުމުތަކުން ޒުވާނުން ގެންގޮސް އެމީހުންނަށް ޓްރެއިނިންގ ދިނުމަށްފަހު ޖޫލާނީގެ ޖަމާޢަތާއި ގުޅުވާފައި ވެސް އެބަހުއްޓެވެ. މީގެތެރޭގައި އިނގިރޭސިވިލާތުގެ ރައްޔިތުން ވެސް ހިމެނެއެވެ.









