ކޮޕާ އިޓާލިއާގެ ގަދަ 16 ގައި ރޭ އުދީނޭޒޭ ބަލިކޮށް އިންޓަމިލާނުން ކުއާޓާފައިނަލްގެ އެންމެ ފަހުގެ ޖާގަ ކަށަވަރުކޮށްފިއެވެ. ރޭގެ މެޗު އިންޓަރ އިން ކާމިޔާބުކުރީ 2-0 އިންނެވެ،
އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގައި އިންޓަރގެ ގޯލުތައް ޖެހީ މާކޯ އަރނައުޓޮވިޗް އާއި ކްރިސްޓިއަން އަސްލާނީ އެވެ.
ކުއާޓާ ފައިނަލުގައި އިންޓަރ މިލާން އާއި ލާޒިއޯ އަދި އޭސީ މިލާން އާއި ފިއޮރެންޓީނާ ކުޅޭނެ ފޯރިގަދަ މެޗުތައް ހިމެނޭއިރު، ކުއާޓާ ފައިނަލްގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ފެބްރުއަރީ 5 ގައެވެ.
ސެމީ ފައިނަލްގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ އޭޕްރީލް މަހުގެ ދެވަނަ ދުވަހާއި އޭޕްރީލް 23 ގައެވެ. ފައިނަލް ކުޅޭނީ މެއި މަހުގެ 14 ވަނަ ދުވަހު އެވެ.
ކުލަބުތަކަށް މި މުބާރާތުގައި ލިބޭ ފައިސާގެ އިނާމުތައް
- ސެމީ ފައިނަލަށް ދަތުރުކުރުމުން ކްލަބަކަށް ގާތްގަނޑަކަށް 5 ލައްކައެއްހާ ޔޫރޯގެ ފައިސާގެ އިނާމެއް ލިބެ އެވެ.
- ރަނަރަޕް ޓީމަށް ގާތްގަނޑަކަށް 1 މިލިއަން ޔޫރޯގެ ފައިސާގެ އިނާމެއް ލިބެ އެވެ.
- ޗެމްޕިއަން ޓީމަށް ގާތްގަނޑަކަށް 2 މިލިއަން ޔޫރޯގެ ފައިސާގެ އިނާމެއް ލިބެ އެވެ.