މާލޭގައި މިދިޔަ ބުރާސްފަތި ދުވަހު ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން 29 މީހުން އަދިވެސް ވަގުތީ ހިޔާތަކުގައި ތިބިކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މިއަދު ހާމަކޮށްފިއެވެ.
އެންޑީއެމްއޭއިން މަޢުލޫމާތު ދިންގޮތުގައި، މި 29 މީހުންގެ ތެރޭގައި ހިމެނެނީ 15 ފިރިހެނުންނާއި 14 އަންހެނުންނެވެ. އޭގެ ތެރޭގައި ޚާއްޞަ އެހީތެރިކަން ބޭނުންވާ މީހަކުވެސް ހިމެނެއެވެ.
މި ހާދިސާގައި ގެއްލުން ލިބިފައިވަނީ މ. ލޯކަށިގެ، މ. ކުދިމާވިލާ، އަދި މ. ލޫބިޔާގެ ހިމެނޭ ހަތް ގޭބިސީއަކަށެވެ. އެންޑީއެމްއޭގެ އެހީތެރިކަމާއެކު މި ގެތަކުގެ ވެރިފަރާތްތަކުން މަރާމާތުގެ މަސައްކަތް މިހާރު ކުރިއަށް ގެންދާކަމަށް އެ އިދާރާއިން ބުނެފައިވެއެވެ.
މި އަލިފާނުގެ ހާދިސާގައި އެނދި ތިން މިނިސްޓްރީ އަކީ ހައުސިންގ، ލޭންޑް އެންޑް އާބަން ޑެވެލޮޕްމަންޓް މިނިސްޓްރީ، މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ، އަދި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރއެވެ. މި ތިން މިނިސްޓްރީގެ ހިންގުން ވަނީ ދަރުބާރުގެއަށް ބަދަލުކޮށްފައެވެ.
މި ހާދިސާއާ ގުޅޭ ތަޙުޤީޤު ފުލުހުން ވަނީ ފަށާފައެވެ. އަދި ހާދިސާއާ ގުޅޭ އެއްވެސް މަޢުލޫމާތެއް އެނގޭ ފަރާތެއްވާނަމަ އެ މަޢުލޫމާތު ހިއްސާކޮށްދިނުމަށް ފުލުހުން ވަނީ އާންމުންނަށް ގޮވާލާފައެވެ. މީގެއިތުރުން، މި ހާދިސާ ތަޙުޤީޤުކުރުމަށް ރާއްޖެއިން ބޭރުގެ އެހީ ހޯދަން ނިންމާފައިވާކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު ވިދާޅުވެފައިވެއެވެ.









