އއ. މާޅޮހު ކައުންސިލުން 2017 އަދި 2018 ވަނަ އަހަރު ތެރޭގައި ބައި މިލިއަނަށްވުރެ ގިނަ ރުފިޔާގެ ޚިޔާނާތް ހިންގާފައިވާކަން އޮޑިޓަރ ޖެނެރަލްގެ އޮފީހުން ކުރި ޚާއްސަ އޮޑިޓަކުން ހާމަވެއްޖެއެވެ. މި މަހުގެ 8 ވަނަ ދުވަހު އާންމުކުރެވުނު މި އޮޑިޓް ރިޕޯޓުގައި ވާގޮތުން، ކައުންސިލްގެ ބޭންކް އެކައުންޓުތަކުންނާއި ތިޖޫރީން ޖުމްލަ 492,867 ރުފިޔާ ވަނީ ގެއްލިފައެވެ.
މި މައްސަލައިގައި ކައުންސިލްގެ ކުރީގެ އެޑްމިނިސްޓްރޭޓިވް އޮފިސަރަކު ވަނީ ދެ ލައްކަ ރުފިޔާ އަމިއްލަ ބޭނުމަށް ނަގާފައިވާކަމަށް އިއުތިރާފްވެފައެވެ. އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، ކައުންސިލްގެ ބޭންކް އެކައުންޓުން ނެގި ފައިސާގެ ތެރެއިން 255,584 ރުފިޔާ ތިޖޫރީއަށް ވައްދާފައި ނުވާކަމާއި، ލިޔެކިޔުންތައް އޮޅުވާލައިގެން 112,500 ރުފިޔާ ނަގާފައިވާކަން ވަނީ ފާހަގަކޮށްފައެވެ.
މީގެ އިތުރުން، މުވައްޒަފުންގެ މުސާރައާއި އެލަވަންސްގެ ގޮތުގައި ދޭންޖެހޭ އަދަދަށްވުރެ 82,579 ރުފިޔާ އިތުރަށް ތިޖޫރީން ނަގާފައިވާކަމާއި، ބޭންކަށް ޖަމާކުރަން ނެގި 42,204 ރުފިޔާ ޖަމާކޮށްފައި ނުވާކަންވެސް ވަނީ ފާހަގަކޮށްފައެވެ.
އޮޑިޓަރ ޖެނެރަލް ވަނީ މި މައްސަލަ ތަޙުޤީޤުކުރުމަށް އަންގާފައެވެ. އަދި މުވައްޒަފުންގެ މަސައްކަތް ބެލެހެއްޓުމާއި، އިސްލާޙީ ފިޔަވަޅު އެޅުމުގައި ދައުލަތުގެ މާލިއްޔަތު ގަވާއިދާ އެއްގޮތަށް ޢަމަލުކުރުމަށްވެސް ވަނީ އަންގާފައެވެ.