ރާއްޖޭގެ ރިސާޗް އަދި އުފެއްދުންތެރިކަމުގެ ދާއިރާ އައު ހަރުފަތަކަށް ގެންދިއުމުގެ މަޤްޞަދުގައި ސްޓެލްކޯ ރިސާޗް ފައުންޑޭޝަން މިއަދު އިފްތިތާހުކޮށްފިއެވެ. މި ފައުންޑޭޝަން އިފްތިތާހުކޮށްދެއްވީ ސްޓެލްކޯ ހެޑް އޮފީހުގައި ބޭއްވުނު ޚާއްޞަ ރަސްމިއްޔާތެއްގައި އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީއެވެ.
ސްޓެލްކޯއިން މަޢުލޫމާތު ދިންގޮތުގައި، މި ފައުންޑޭޝަންގެ މައިގަނޑު މަޤްޞަދަކީ ސައިންސް، ޓެކްނޮލޮޖީ، އިންޖިނިއަރިންގ، އާޓްސް އަދި މެތެމެޓިކްސްގެ ދާއިރާތައް ކުރިއެރުވުމެވެ. މީގެ އިތުރުން، އެންމެ ޒަމާނީ ދިރާސާތަކާއި އަލަށް ތަޢާރަފުވަމުންދާ ޓެކްނޮލޮޖީތައް ހޯދައި، އެކަންކަމަށް އަހުލުވެރިވެ، ޤައުމުގެ ތަރައްޤީއަށް ބޭނުންވާ ހަރުދަނާ އަދި ޒަމާނީ ޙައްލުތައް ހޯދައިދިނުމަކީވެސް މި ފައުންޑޭޝަންގެ އަމާޒެކެވެ.
އިފްތިތާޙީ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީ ވިދާޅުވީ، "އަޅުގަނޑުމެން ބޭނުންވަނީ ތިބޭފުޅުން ލައްވައި ޤައުމަށް ޚިދުމަތް ކޮށްދޭށެވެ. މިއީ ހަމައެކަނި ޖަލްސާއެއް ބާއްވައި ނިންމާލާ ރިސާޗް ފައުންޑޭޝަނަކަށް ވެގެން ނުވާނެއެވެ. ވިސްނުމާއި ފިކުރުކުރުމުގެ ތެރެއިން ޤައުމަށް މިކަމުގެ ފައިދާ ކުރަންވާނެ. އާދައިގެ ގޮތަކަށް ނޫން. އިންތިހާއަށް ފައިދާ ކުރަންވާނެ."
ފަހުމީ އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ސްޓެލްކޯގައި އެކި ދާއިރާތަކުން ކިޔަވައިގެން ތިބި ތަޢުލީމީ ޒުވާނުންނާއި، ކުންފުނީގެ ވަސީލަތްތަކާއި ޤާބިލުކަން ހުރުމަކީ މިފަދަ މަސައްކަތެއް ކުރުމަށް ލިބިގެންވާ ބޮޑު ފުރުޞަތެކެވެ.
މި ރަސްމިއްޔާތުގައި ސްޓެލްކޯ ރިސާޗް ފައުންޑޭޝަންގެ ވެބްސައިޓް ވެސް ވަނީ ރަސްމީކޮށް އިފްތިތާޙުކޮށްފައެވެ. މި ފައުންޑޭޝަން މެދުވެރިކޮށް ކުރިއަށް އޮތް ތަނުގައި ރާއްޖޭގެ ރިސާޗް އަދި އުފެއްދުންތެރިކަމުގެ ދާއިރާއަށް އައު ކުރިއެރުންތަކެއް ލިބިގެންދާނެއެވެ.






