ޤަތަރުގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި އެ ޤައުމުގެ ބޮޑު ވަޒީރު އަދި ޚާރިޖީ ވަޒީރު، ޝެއިޚް މުޙައްމަދު ބިން ޢަބްދުއްރަޙްމާން ބިން ޖާސިމް އަލް ޘާނީއަށް، ފޮރިން މިނިސްޓަރ ޑރ. ޢަބްދުﷲ ޚަލީލް ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.
މިނިސްޓަރުގެ މެސެޖުގައި ވަނީ ޤަތަރުގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި، ދިވެހި ސަރުކާރާއި ރައްޔިތުން އަދި މިނިސްޓަރުގެ އަމިއްލަ ނަންފުޅުގައި ޤަތަރުގެ ބޮޑު ވަޒީރު އަދި ޚާރިޖީ ވަޒީރަށާއި ޤަތަރުގެ ސަރުކާރަށް އަދި ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާއާއި ހެޔޮއެދުންތައް އަރިސްކުރައްވާފައެވެ.
ދިވެހިރާއްޖެއާއި ޤަތަރުގެ ގުޅުމަކީ، އިސްލާމް ދީނާއި ޘަޤާފަތް އަދި ތާރީޚީ ގުޅުމުގެ މައްޗަށް ބިނާވެފައިވާ ގާތް ގުޅުމެއްކަމީ ނުހަނު އުފާކުރާ ކަމެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މީގެ އިތުރުން އިސްލާމީ އުއްމަތުގެ އެއްބައިވަންތަކަން ދެމެހެއްޓުމަށް ދެ ޤައުމުން ދޭ އަހަންމިއްޔަތުކަމަކީ ދިވެހިރާއްޖެއާއި ޤަތަރުގެ އެކުވެރިކަމަށް އެޅިފައިވާ ހަރުދަނާ ބިންގަލެއްކަން މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ. އަދި، ދެ ޤައުމުގެ މަސްލަހަތު ހިމެނޭ ދާއިރާތަކުން ގުޅިގެން މަސައްކަތްކޮށް، ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް މަސައްކަތްކުރާނެކަމުގެ ޔަޤީންކަން މިނިސްޓަރ ވަނީ ދެއްވާފައެވެ.
މިނިސްޓަރގެ މެސެޖުގައި ވަނީ ޤަތަރުގެ ބޮޑު ވަޒީރު އަދި ޚާރިޖީ ވަޒީރަށް ދުޅަހެޔޮ ޞިއްޙަތާއި ޤަތަރުގެ ރައްޔިތުންނަށް އުފާފާގަތި މުސްތަޤުބަލަކަށް އެދިވަޑައިގެންފައެވެ.









