ރާއްޖެ ސަރަހައްދުގެ މޫސުން ގޯސްވެ، ބޮޑު ބަޔަކަށް މިއަދު ޔެލޯ އެލާޓް ނެރެފި އެވެ.
ރާއްޖޭގެ މޫސުމާއިބެހޭ އިދާރާ، މެޓް އޮފީހުން ވަނީ މިއަދު ދެ ފަހަރެއްގެ މަތިން ޔެލޯ އެލާޓް ނެރެފަ އެވެ.
ބޯކޮށް ވާރޭވެހި އަދި ގުގުރާނެ ކަމަށް ލަފާކޮށް އެންމެ ފުރަތަމަ ޔެލޯ އެލާޓް ނެރުނީ ށ. އަތޮޅުން ފެށިގެން އދ. އަތޮޅަށް، ހެނދުނު 7:15 އިން މެންދުރު 11:15 އަށެވެ.
މެޓް އޮފީހުން ދެންމެ ވަނީ މެންދުރު 11:15 އިން މެންދުރު 3:00 އަށް ހއ. އަތޮޅުން ފެށިގެން އދ. އަތޮޅަށް ޔެލޯ އެލާޓް ނެރެފަ އެވެ.
މެޓް އޮފީހުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ މި ދުވަސްވަރަކީ ރާއްޖޭގެ ސަރަޙައްދަށް ހުޅަނގު މޫސުން ނިމި، އިރުވައި މޫސުން ފެށޭ ދުވަސްވަރު ކަމަށާއި މޫސުން ބަދަލުވާ ދުވަސްވަރު މި ސަރަޙައްދުގައި ކޮޅިގަނޑުތައް އުފެދުމުގެ ފުރުޞަތު އޮންނަ ކަމަށެވެ. ބަންގާޅު ކަނޑުގައި މިއަދުގެ ވަގުތެއްގައި ކޮޅިގަނޑެއް އުފެދި، ކުރިއަށް އޮތް ދެ ދުވަހުގެ ތެރޭގައި ދެކުނު އިންޑިއާގެ ޓެމިލްނާޑޫގެ އައްސޭރިފަށާއި ދިމާލަށް ދަތުރުކުރާނެ ކަމަށް މެޓް އޮފީހުން ބުންޏެވެ.
މި ހަފުތާގައި ރާއްޖެއާއި ދުރުން ދެކުނުގައި ވެސް ކޮޅިގަނޑެއް އުފެދި، ހުޅަނގަށް ޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓް އޮފީހުން ބުންޏެވެ.
އެ ދެ ކޮޅިގަނޑުގެ ސަބަބުން، އަންނަ ބުދަ ދުވަހުން ފެށިގެން ކުރިއަށް އޮތް ފަސް ދުވަހު ރާއްޖޭގެ ސަރަޙައްދުގައި އާންމު ވައި ބާރުވާނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓް އޮފީހުން ބުންޏެވެ.
މެޓް އޮފީހުން ބުނީ ދެކުނާއި މެދު ރާއްޖެ ތެރޭގެ އަތޮޅުތަކަށް ވައިޖެހޭނީ އާންމު ގޮތެއްގައި، ގަޑިއަކު 17 މޭލާއި 27 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށެވެ. އަދި، އުތުރުގެ އަތޮޅުތަކަށް ވައިޖެހޭނީ ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށް މެޓް އޮފީހުން ބުންޏެވެ.
މި ދުވަސްވަރު އުތުރު އަތޮޅުތަކުގެ ކަނޑުތައް ގަދަވާނެ ކަމަށާއި މެދު ރާއްޖެ ތެރެ އާއި ދެކުނުގެ އަތޮޅުތަކުގެ ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ވެސް މެޓް އޮފީހުން ބުންޏެވެ.
މޫސުން ގޯސް ދުވަސްވަރަކަށް ވާތީ މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް މޯލްޑިވްސް ޑިޒާސްޓާ މެނޭޖުމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ވަނީ އިލްތިމާސްކޮށްފަ އެވެ.









