އާޓިފިޝަލް ބީޗު ސަރަހައްދުގައި ހިންގުނު މާރާމާރީއެއްގައި އެންމެ އިސްކޮށް އުޅުނު ބިދޭސީ މީހާ ޑިޕޯޓުކުރުމަށް އިމިގްރޭޝަނުން ނިންމައިފިއެވެ.
ސޯޝަލްމޯޑިއާ ޕްލެޓްފޯމުގައި އިމިގްރޭޝަނުން ބުނީ، 2024 ޑިސެންބަރު 6 ވަނަ ދުވަހު އާޓިފިޝަލް ބީޗު ސަރަހައްދުގައި އާންމު މަސްލަހަތަށް ނުރައްކާވާ ގޮތަށް ހިންގުނު މާރާމާރީގައި އެންމެ އިސްކޮށް އުޅުނު ބިދޭސީ މީހާ ވަނީ ފުލުހުންގެ އެހީތެރިކަމާއެކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވިފައެވެ. މިހާރު އެ މީހާ ޑިޕޯޓުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އިމިގްރޭޝަނުން ބުނެފައިވެއެވެ.
ސަރުކާރުން ބުނާ ގޮތުގައި، ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަކީ ރާއްޖޭގައި ހެދިފައި ހުންނަ ޤާނޫނުތަކާއި ގަވާއިދުތަކަށް ބޯލަނބާ ބައެއްކަން ކަށަވަރު ކުރާނެއެވެ. މި މަޤްޞަދުގައި، ގަވާއިދާއި ޚިލާފަށް ރާއްޖެ އެތެރެވެ، ދިވެހި ވިޔަފާރިތަކުގެ ތެރޭގައި ގަވާއިދާ ޚިލާފަށް އުޅެމުންދާ ބިދޭސީން ހޯދައި ޑިޕޯޓުކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
އިމިގްރޭޝަނުން އިތުރަށް ހާމަކުރި ގޮތުގައި، މިފަދަ މައްސަލަތައް ރިޕޯޓުކުރުމަށް އެކުލަވާލާފައިވާ "އިމިގްރޭޝަން ވޮޗް" އަށް 1000 އަށްވުރެ ގިނަ މައްސަލަ ހުށަހަޅާފައިވެއެވެ.









