ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖޭގެ ހުރިހާ ހިސާބަކަށް މޫސުން ގޯސްވާނެ ކަމަށް މެޓް އޮފީހުން މިއަދު ލަފާކޮށްފިއެވެ.
މެޓް އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ މި ދުވަސްވަރަކީ ރާއްޖޭގެ ސަރަޙައްދަށް ހުޅަނގު މޫސުން ނިމި، އިރުވައި މޫސުން ފެށޭ ދުވަސްވަރު ކަމަށާއި މޫސުން ބަދަލުވާ ދުވަސްވަރު މި ސަރަޙައްދުގައި ކޮޅިގަނޑުތައް އުފެދުމުގެ ފުރުޞަތު އޮންނަ ކަމަށެވެ.
ބަންގާޅު ކަނޑުގައި މިއަދުގެ ވަގުތެއްގައި ކޮޅިގަނޑެއް އުފެދި، ކުރިއަށް އޮތް ދެ ދުވަހުގެ ތެރޭގައި ދެކުނު އިންޑިއާގެ ޓެމިލްނާޑޫގެ އައްސޭރިފަށާ ދިމާލަށް ދަތުރުކުރާނެ ކަމަށް މެޓް އޮފީހުން ބުންޏެވެ.
އަދި، މި ހަފުތާގައި ރާއްޖެއާ ދުރުން ދެކުނުގައި ވެސް ކޮޅިގަނޑެއް އުފެދި، ހުޅަނގަށް ޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓް އޮފީހުން ބުންޏެވެ.
އެ ދެ ކޮޅިގަނޑުގެ ސަބަބުން، އަންނަ ބުދަ ދުވަހުން ފެށިގެން ކުރިއަށް އޮތް ފަސް ދުވަހު ރާއްޖޭގެ ސަރަޙައްދުގައި އާންމު ވައި ބާރުވާނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓް އޮފީހުން ބުންޏެވެ.
މެޓް އޮފީހުން ބުނީ ދެކުނާއި މެދު ރާއްޖެ ތެރޭގެ އަތޮޅުތަކަށް ވައިޖެހޭނީ އާންމު ގޮތެއްގައި، ގަޑިއަކު 17 މޭލާއި 27 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށެވެ. އަދި، އުތުރުގެ އަތޮޅުތަކަށް ވައިޖެހޭނީ ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށް މެޓް އޮފީހުން ބުންޏެވެ.
މެޓް އޮފީހުން ބުނީ މި ދުވަސްވަރު އުތުރު އަތޮޅުތަކުގެ ކަނޑުތައް ގަދަވާނެ ކަމަށާއި މެދު ރާއްޖެ ތެރެ އާއި ދެކުނުގެ އަތޮޅުތަކުގެ ކަނޑުތައް ވަރަށް ގަދަވާނެ ކަމަށެވެ.
މި ދުވަސްވަރު ގަދަވަޔާ އެކު، ވިއްސާރަކޮށް، ގުގުރުމާ އެކު، ވިލާގަނޑުގައި ގާތްގަނޑަކަށް ގަޑިއަކު 40-50 މޭލަށް ވައިގަދަވުން ވެސް އެކަށީގެންވާ ކަމަށާއި ދެކުނާއި މެދު ރާއްޖެ ތެރޭގެ ސަރަޙައްދަށް އުދައިގެ އަސަރު ކުރުން އެކަށީގެންވާ ކަމަށް ވެސް މެޓް އޮފީހުން ބުންޏެވެ.
މެޓް އޮފީހުން ބުނީ މިއީ ކަނޑު ގަދަ ދުވަސްވަރަކަށް ވާތީ ކަނޑުދަތުރުފަތުރު ކުރާ މީހުން މޫސުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސްކުރާ ކަމަށެވެ.









