އޮންލައިން ޝޮޕިންގެ ދާއިރާއިން ދުނިޔޭގެ އެންމެ މަޝްހޫރު ކުންފުނި އެމެޒޯން އިން, އަލަށް އިންތިޚާބުވެވަޑައިގެންނެވި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުވައި ކުރެއްވުމުގެ ރަސްމިއްޔާތަށް އެއް މިލިއަން ޑޮލަރު ހަދިޔާ ކުރަން އިޢުލާންކޮށްފި އެވެ. އަދި އީ-ކޮމާސް ކުންފުނިން ޓްރަމްޕް ހުވައި ކުރެއްވުމުގެ ރަސްމިއްޔާތު ވެސް އެ ކުންފުނީގެ ޕްރައިމް ވީޑިއޯ ޚިދުމަތުން ސްޓްރީމް ކުރާނެ ކަމަށާއި، މީގެ ކުރިން ފޭސްބުކް އަދި އިންސްޓަގްރާމްގެ ބެލެނިވެރި ކުންފުނި މެޓާ އިން ވެސް ޓްރަމްޕްގެ ވެރިކަމަށް އެއް މިލިއަން ޑޮލަރު ހަދިޔާކޮށްފައިވާ ކަމަށް އޭއެފްޕީން ބުނެއެވެ.
އެމެޒޯންގެ ހަދިޔާގެ ވާހަކަ އެންމެ ފުރަތަމަ ރިޕޯޓްކޮށްފައިވަނީ ދަ ވޯލް ސްޓްރީޓް ޖާނަލްގައެވެ. މި ޚަބަރު ލިބިފައިވަނީ ކުންފުނީގެ ވެރިޔާ ޖެފް ބެޒޯސް އަންނަ ހަފްތާގައި އޭނާއާއި ބައްދަލުކުރާނެ ކަމަށް ޓްރަމްޕް ވިދާޅުވެފައިވަނިކޮށްކަން ފާހަގަކޮށްފައިވެއެވެ. މި ދެބޭފުޅުންގެ ގުޅުން މީގެ ކުރިން ވަރަށް ބޮޑަށް ގޯސްވިކަން ފާހަގަ ކުރެވެއެވެ.
ޑޮނަލްޑް ޓްރަމްޕް ވެރިކަމުގެ ފުރަތަމަ ދައުރުގައި ވަނީ ޖެފް ބެޒޯސްގެ މިލްކުވެރިކަމުގައިވާ އެމެޒޯން އާއި ދަ ވޮޝިންޓަން ޕޯސްޓަށް ފާޑުވިދާޅުވެފައެވެ، އެކަމާއިގުޅިގެން ޖެފް ބެޒޯސް ވެސް ވަނީ ޑޮނަލްޑް ޓްރަމްޕްގެ ވާހަކަތަކަށް ފާޑުވިދާޅުވެފައެވެ. މިކަންތައްގަނޑުތެރޭގައި ޕެންޓަގަންއާ އެކު 10 ބިލިއަން ޑޮލަރުގެ ކޮންޓްރެކްޓެއް ހެދުމުގެ ފުރުސަތު ގެއްލުނު ކަމަށް ވެސް ފާހަގަކޮށްފައިވެއެވެ.
ޓްރަމްޕްގެ ދެވަނަ ދައުރުގެ ޑެޕިއުޓީ ޗީފް އޮފް ސްޓާފްގެ މަގާމަށް އައްޔަން ކުރައްވާފައިވާ ސްޓީވަން މިލާ ވިދާޅުވީ އެހެން ވިޔަފާރިވެރިން ފަދައިން މެޓާގެ ޗީފް މާކް ޒުކަބާގް ވެސް ޓްރަމްޕްގެ އިގްތިސާދީ ޕްލޭންތަކަށް ތާއީދު ކުރަން ބޭނުންވާ ކަމަށާއި، މާކް ޒުކަބާގް މަސައްކަތް ކުރަނީ ޓްރަމްޕާ އެކު އޮތް ގުޅުން ގޯސްވުމަށް ފަހު އޭނާގެ ކުންފުނީގެ އަބުރު ރަނގަޅު ކުރުމަށް ކަމަށް ބުނެފައިވެއެވެ. ފޭސްބުކުން ޓްރަމްޕް ބޭރުވެސް ކޮށްލިއެވެ. ނަމަވެސް ފަހުން، އޭނާގެ އެކައުންޓް ވަނީ އެކްޓިވޭޓް ކޮށްދެއްވާފައެވެ.









