ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް)ގެ އައު މެނޭޖިންގ ޑިރެކްޓަރަކަށް ފާތިމަތު އާޝާން މިއަދު އައްޔަންކުރައްވައިފިއެވެ. މިއާއެކު، އާޝާން ވަނީ އެސްޓީއޯ ގްރޫޕްގެ ފުރަތަމަ އަންހެން މެނޭޖިންގ ޑިރެކްޓަރަށް ވެވަޑައިގެންފައެވެ.
ފާތިމަތު އާޝާންއަކީ އެސްޓީއޯގައި ދިގު މުއްދަތެއްގައި މަސައްކަތްކުރައްވާފައިވާ ބޭކަބަލެކެވެ. އޭނާ ވަނީ 1994 ވަނަ އަހަރުން ފެށިގެން 2019 ވަނަ އަހަރާއި ހަމައަށް އެސްޓީއޯގެ ހެޑް އޮފް ބިޒްނަސް ޑިވެލޮޕްމަންޓް، ހިއުމަން ރިސޯސަސް އެންޑް އެޑްމިނިސްޓްރޭޓިވްގެ މަޤާމު އަދާކުރައްވާފައެވެ. މީގެއިތުރުން، 2019 ވަނަ އަހަރުން ފެށިގެން 2020 ވަނަ އަހަރާއި ހަމައަށް މިފްކޯގެ ޑެޕިއުޓީ ސީއީއޯގެ މަޤާމުވެސް އަދާކުރައްވާފައިވެއެވެ.
އެފްއެސްއެމްގެ އެމްޑީގެ މަޤާމަށް ފާތިމަތު އާޝާން އައްޔަންކުރެއްވުމުގެ ކުރިން މި މަޤާމުގައި ހުންނެވީ އިސްމާއިލް ސުހައިލެވެ. ނަމަވެސް، މިދިޔަ މަހުގެ 26 ވަނަ ދުވަހު އޭނާ ވަނީ މި މަޤާމުން އިސްތިއުފާ ދެއްވާފައެވެ.
ފާތިމަތު އާޝާންގެ މި އައްޔަންކުރެއްވުމަކީ އަންހެނުންގެ ބާރުވެރިކަން އިތުރުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.