މާފަރު ފަޅުގެ މާސްޓަރ ޕްލޭން ތައްޔާރުކުރުމުގައި ރައްޔިތުންގެ ޚިޔާލު ހިމެނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.
މިފަދައިން އެމަނިކުފާނު ނިންމެވީ މިއަދު ހެނދުނު އަރިއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލް އިދާރާގައި ބޭއްވި ބައްދަލުވުމެއްގައެވެ.
މި ބައްދަލުވުމުގައި ރައީސް ބައްދަލުކުރެއްވީ އަރިއަތޮޅު ދެކުނުބުރީ މަހިބަދޫ ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއެވެ. މި ބައްދަލުވުމުގައި އެރަށުގެ ތަރައްޤީއަށް ބޭނުންވާ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރެވުނެވެ.
ބައްދަލުވުމުގައި ކައުންސިލުން ވަނީ މަހިބަދޫގެ ބިން ހިއްކުމަށާއި، އިސްލާމިކް ސެންޓަރެއް ޤާއިމުކުރުމަށް ބޭނުންވާކަން ފާހަގަކޮށްފައެވެ. އަދި ގޮނޑުދޮށް ހިމާޔަތްކުރުމަށާއި، ރަށުގެ ކުޅިވަރުގެ ދާއިރާ ކުރިއެރުވުމަށް ބޭނުންވާ ކަންކަން ރައީސްއާ ވަނީ ހިއްސާކޮށްފައެވެ.
މި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ މަހިބަދޫ އަރބަން ސެންޓަރެއްގެ ގޮތުގައި ތަރައްޤީކުރުމަށް ކަނޑައެޅުއްވި މައިގަނޑު ބޭނުންތަކާއި، އެކަން ކުރުމަށް ރާވަމުންދާ ގޮތްތަކާއި، އެކަމުގެ ސަބަބުން އެ ސަރަޙައްދަށް ލިބިގެންދާނެ ފައިދާތަކުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ. އަދި މި މަސައްކަތް ކުރިއަށްގެންދިއުމުގައި ކައުންސިލްގެ ފަރާތުން އެއްބާރުލުން ބޭނުންވާ ކަންކަން ހިއްސާކުރެއްވިއެވެ.
މީގެއިތުރުން، ރަށުގައި ހައުސިންގ މަޝްރޫޢު ކުރިއަށް ގެންދިއުމަށް ނިންމަވާފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި ރައްޔިތުންގެ ޚިޔާލުތައް ހިމަނައިގެން މާފަރު ފަޅުގެ މާސްޓަރ ޕްލޭނެއް ކައުންސިލުން ތައްޔާރުކުރުމަށް އެމަނިކުފާނު ބާރުއެޅުއްވިއެވެ.
މި ބައްދަލުވުމުގައި ރައީސްގެ އަރިހުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން ވަނީ މަހިބަދޫގެ ތަރައްޤީއަށް ކުރިޔަށްގެންދާ މަޝްރޫޢުތަކުގެ އެންމެ ފަހުގެ މަޢުލޫމާތުތައް ހިއްސާކުރައްވާފައެވެ.









