ރަށްރަށުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުންނަށް ލިބޭ އެލަވެންސްގެ ބަދަލުގައި މުސާރައެއް ކަނޑައަޅަން ގާނޫނުތަކަށް އިސްލާހު ހުށަހަޅުއްވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެއެވެ.
އދ. ދަނގެތީގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، އަންހެނުންގެ ކޮމިޓީތަކަކީ ވަރަށް ބޭއިންސާފު ގޮތަކަށް ނިކަމެތިކޮށްފައިވާ ކޮމިޓީތަކެއް ކަމަށާއި، އެ ކޮމިޓީތައް ބާރުވެރިކޮށް ރަނގަޅު ގޮތްތައް ހަދައިދިނުމަކީ އެ މަނިކުފާނުގެ ވައުދެއް ކަމަށެވެ.
"އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަކީ ރަށުގެ ތަރައްގީއަށް ވަރަށް މުހިންމު ދައުރެއް އަދާކުރާ ކޮމިޓީތަކެއް. އެހެންވީމަ ކޮމިޓީ މެންބަރުންގެ ވަރަށް ގިނަ ކަންތައްތަކެއް ހައްލުކޮށްދޭނަމޭ އަޅުގަނޑު ބުނިން ގާނޫނު ހަދާ މަޖިލީހުގެ ތެރެއިން،" ރައީސް ވިދާޅުވި އެވެ.
މިހާރު އަންހެނުންގެ ކޮމިޓީތަކުގެ މެންބަރުންނަށް ކަނޑައަޅާފައި އޮންނަނީ އެލަވެންސެކެވެ. އެއީ ޕާޓް-ޓައިމް ވަޒީފާއެއްގެ ގޮތުގައި އޮންނައިރު، ވިހެއުމުގެ ޗުއްޓީ އާއި ރޯދަ މަހުގެ އެލަވެންސާއި ބޭންކްތަކުން ލޯނު ނެގުން ފަދަ ފުރުސަތުތައް އެ މެންބަރުންނަށް ނުލިބެ އެވެ.
ރައީސް ވިދާޅުވި ގޮތުގައި، އަންނަ އަހަރުގެ މަޖިލީހުގެ ފުރަތަމަ ދައުރުގައި އަންހެނުންގެ ކޮމިޓީތަކުގެ މެންބަރުންގެ އެލަވެންސްގެ ބަދަލުގައި މުސާރައެއް ކަނޑައަޅަން ލާމަރުކަޒީ ގާނޫނަށް ސަރުކާރުން އިޞްލާޙް ހުށަހަޅާނެ އެވެ. އަދި ރޯދަ އެލަވެންސާއި ވިހެއުމުގެ ޗުއްޓީ ދިނުމަށް ވަޒީފާއާ ބެހޭ ގާނޫނަށް ވެސް އިޞްލާޙް ހުށަހަޅުއްވާނެ ކަމަށް ވިދާޅުވިއެވެ.
"އެ ލިބޭ މުސާރަ ބޭންކްތަކުން ބަލައިގަނެ އޭގެ ސަބަބުން ތިޔަބޭފުޅުންނަށް ލޯނުތަކަށް ދެވޭނެ ގޮތްވުން. އެކި ތަންތަނުން ދޭ ފެސިލިޓީތަކަށް ދެވޭނެ ގޮތްވުން. މިކަންކަން މިހާރަކު ނުވޭ،" ރައީސް ވިދާޅުވި އެވެ.
މީގެ އިތުރުން، ރައީސް ވިދާޅުވީ އަންނަ ރޯދަ މަހުން ފެށިގެން އަންހެނުންގެ ކޮމިޓީތަކުގެ މެންބަރުންނަށް ރޯދަ އެލަވެންސް ލިބޭނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ. އަދި މި ސަރުކާރުގެ އަމާޒަކީ ރައްޔިތުންނަށް ލިބޭ އެއްޗެއް އަތުނުލައި ރައްޔިތުންނަށް އިތުރު މުއްސަނދިކަން ލިބޭނެ ގޮތްތައް ފަހިކުރުން ކަމަށް ރައީސް ވިދާޅުވިއެވެ.









