އަރިއަތޮޅު ދެކުނުބުރީ ފެންފުށީގެ ތަރައްޤީއަށް އެންމެ މުހިންމު ކަންކަމުގެ ގޮތުގައި ކައުންސިލުން ފާހަގަކުރެއްވި ކަންތައްތައް ފުރިހަމަކޮށްދެއްވުމަށް މަސައްކަތް ކުރައްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުޢިއްޒު މިފަދައިން ވިދާޅުވެފައިވަނީ މިއަދު ހަވީރު އދ. ދަނގެތި ކައުންސިލްގެ އިދާރާގައި ފެންފުށީ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ (އ.ތ.މ.) ކޮމިޓީއާއެކު ބޭއްވެވި ބައްދަލުވުމެއްގައެވެ.
މި ބައްދަލުވުމުގައި ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި އޮޑިދޯނިފަހަރު އެހެލުމުގައި ހުރި ގޮންޖެހުންތަކާއި، ހިނަވާގެއެއް ނެތުމުން ކުރިމަތިވާ ދަތިތައް ހިމެނެއެވެ. މީގެ އިތުރުން، އިތުރު ވޮލީ ކޯޓެއް ޤާއިމުކޮށްދިނުމަށާއި، ރަށުގައި އެކަށީގެންވާ ފެނާއި ނަރުދަމާގެ ނިޒާމުގެ މަސައްކަތް ފުރިހަމަކޮށްދިނުމަށް ކައުންސިލުން އެދިވަޑައިގެންނެވިއެވެ.
ބައްދަލުވުމުގައި ރައީސްގެ އަރިހުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން ވަނީ ފެންފުށީގެ ތަރައްޤީއަށް ކުރިޔަށްގެންދާ މަޝްރޫޢުތަކުގެ އެންމެ ފަހުގެ މަޢުލޫމާތުތައް ޙިއްސާކުރައްވާފައެވެ.
ކައުންސިލުން ފާހަގަކުރެއްވި ކަންކަން އެންމެ އިސްކަންދޭ ތަރުތީބަކުން ކުރިއަށް ގެންދަވާނެކަމުގައި ރައީސް ވިދާޅުވިއެވެ.









