އެމެރިކާގެ ޚާރިޖީ ވަޒީރު އެންތަނީ ބްލިންކެން، އިއްޔެ ތުރުކީވިލާތަށް ވަޑައިގެން، ރައީސް ރަޖަބް ޠައްޔިބް އުރުދުޣާނާއި ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުވުމުގައި ދެ ފަރާތުން ސޫރިޔާގެ މިހާރުގެ ހާލަތާއި ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ.
ސޫރިޔާގެ ރައީސް ބައްޝާރް އަލް-އަސަދުގެ ވެރިކަން ކުއްލިގޮތަކަށް ވެއްޓުނު ފަހުން، މެދުއިރުމައްޗަށް ބްލިންކެން ކުރެއްވި ފުރަތަމަ ދަތުރުގައި، އަންކާރާގެ އެސެންބޯގާ އެއާޕޯޓުގައި މި ބައްދަލުވުން ވަނީ ބޭއްވިފައެވެ.
ތުރުކީގެ ރައީސް އޮފީހުން ނެރުނު ބަޔާނެއްގައި ބުނިގޮތުގައި، ސޫރިޔާގެ މުއައްސަސާތައް އަލުން ބިނާކުރުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢު ގުޅިގެން މަސައްކަތްކުރުމަށް އެރްދޮޣާން ގޮވާލައްވައެވެ. އަދި ތުރުކީވިލާތުގެ ޤައުމީ ސަލާމަތަށްޓަކައި، ނިރުބަވެރި ޖަމާޢަތްތަކާއި ދެކޮޅަށް މަސައްކަތްކުރުމުގައި ދެމިތިބޭނެ ކަމަށް ވެސް ވިދާޅުވިއެވެ.
އެމެރިކާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު މެތިއު މިލަރ ނެރުއްވި ބަޔާނެއްގައި ވަނީ، ސޫރިޔާގައި އެންމެންގެ ބައިވެރިވުން އޮތް ޒިންމާދާރު އިންތިޤާލީ ސަރުކާރެއް ޤާއިމުކުރުމަށްޓަކައި ތުރުކީވިލާތުން ގެންގުޅޭ ވިސްނުން އެމެރިކާއިން ވެސް ޙިއްސާކުރާ ކަމަށް ބްލިންކެން ފާހަގަކުރެއްވި ކަމަށެވެ. އަދި އައިއެސް ޖަމާޢަތް ބަލިކުރުމަށް، ގުޅިގެން ކުރެވޭ މުހިއްމު މަސައްކަތް ކަށަވަރުކުރަންޖެހޭ ކަމަށް ވެސް ބްލިންކެން ވިދާޅުވިއެވެ.
ނަމަވެސް، ސޫރިޔާގެ ކުރުދީ ހަނގުރާމަވެރި ޖަމާޢަތްތަކާއި ގުޅޭގޮތުން އެމެރިކާ އާއި ތުރުކީވިލާތުގެ މެދުގައި ދެބަސްވުންތަކެއް އުފެދިފައިވެއެވެ. އެމެރިކާއިން ތާއީދުކުރާ ސީރިއަން ޑިމޮކްރެޓިކް ފޯސަސް (އެސްޑީއެފް) އަކީ ތުރުކީވިލާތުން ޤަބޫލުކުރާ ގޮތުގައި ޕީކޭކޭގެ ގޮތްޕެކެވެ. ޕީކޭކޭއަކީ ތުރުކީވިލާތުގެ ދައުލަތާއި ދެކޮޅަށް ހަނގުރާމަ ކުރަމުންދާ ޖަމާޢަތެކެވެ.
ބްލިންކެން ވިދާޅުވެފައިވަނީ، ސޫރިޔާގައި އިތުރު ހަމަނުޖެހުންތަކެއް ނުހިނގައި، ވަގުތީ ސަރުކާރަކަށް އަދި ރަނގަޅު މިސްރާބަކަށް ގެންދިޔުމަށް އެމެރިކާއިން ބޭނުންވާ ކަމަށެވެ. އަދި އަސަދުގެ ވެރިކަން ވެއްޓުނު ދަނޑިވަޅުގެ ފައިދާ ނަގައި، އައިއެސްގެ ހަނގުރާމަވެރިން ސޫރިޔާއަށް އަތްގަދަކުރަން ފުރުޞަތު ނުދޭނެ ކަމަށް ވެސް ބްލިންކެން ވިދާޅުވެފައިވެއެވެ.









