އަލިފާން ރޯވި ހައުސިން މިނިސްޓްރީއަށް ލިބުނު ގެއްލުންތައް ފޫބައްދަން 4.5 މިލިއަންގެ އެމަޖެންސީ ބަޖެޓެއް ކައުންސިލުން ފާސްކޮށްފިއެވެ.
ބުރާސްފަތި ދުވަހުގެ ވަރަށް ހެނދުނު ހައުސިން މިނިސްޓްރީއާ އިންފްރާސްރަކްޗަރު މިނިސްޓްރީ ހިންގަމުން އައި އިމާރަތުގައި ހިނގި އަލިފާނުގެ ހާދިސާގައި އެތަނާއި އިންވެގެން ހުރި އެންވަރަމެންޓް މިނިސްޓްރީއާއި މާލޭ ސިޓި ކައުންސިލްގެ ވައިޓަލް ސެކްޝަނާއި ލޭންޑް ސެކްޝަން ހިންގަމުންއައި އިމާރާތަށްވެސް ވަނީ ގެއްލުން ލިބިފައެވެ.
ލިޔެކިޔުންތަކެއް އަނދައި އަޅިއަށް ވި ކައުންސިލްގެ އިމާރާތަކީ މާލޭ ރައްޔިތުންގެ އުފަންވުމާއި މަރުގެ ރެޖިސްޓްރޭޝަންތަކުގެ އިތުރުން ރަށްވެހިކަމާއި ގޯތިތަކުގެ ރެޖިސްޓްރޭޝަން ފަދަ ތަކެތީގެ އަސްލު ބަހައްޓާފައި ހުންނަ ތަނެވެ. ގިނަ ޢަދަދެއްގެ ލިޔެކިޔުންތަކާއި މުދާ ނެރެ ސަލާމަތްކުރެވުނުކަންވެސް ފާހަގަ ކުރެވުނެވެ.
ހާދިސާއާއި ގުޅިގެން މޭޔަރު އާދަމް އާޒިމް ވަނީ އޮފީސް ހިންގަން ބޭނުންވާ ސެޓެޕް ހެދުމާއި ތަނަށް ބޭނުންވާ ފަރުނީޗަރު ގަތުމަށާއި އަލިފާނުގެ ހާދިސާގައި ލިބުނު ގެއްލުންތަކުން އަރައިގަތުމަށް 4.5 މިލިއަން ރުފިޔާގެ ބަޖެޓް ހުށައަޅާފައެވެ. ކައުންސިލްގެ ބައްދަލުވުމުން ވަނީ މި ބަޖެޓް ފާސްކޮށްފައެވެ.









