މާފަންނުގައި ހުންނަ ހައުސިންގ މިނިސްޓްރީގައި އަލިފާން ރޯވެ، ގެތުރިމާއި ގުޅިގެން އެ ސަރަހައްދުގައި ހުރި ސްކޫލުތައް ބަންދުކޮށްފިއެވެ.
މިއަދު ހެނދުނު ހައުސިންގ މިނިސްޓްރީގައި ހުރި ޓިނު އިމާރާތެއްގައި ފެށުނު އަލިފާންގަނޑު ވަނީ ކޮންސްޓްރަކްޝަން މިނިސްޓްރީ ހުރި އިމާރާތަށް ފެތުރިފައެވެ. އަދި އެ ދެ އިމާރާތް އެނދުމަށްފަހު، އަލިފާންގަނޑު ވަނީ ގްރީން ބިލްޑިންގއަށް ފެތުރިފައެވެ. ގްރީން ބިލްޑިންގގައި ހިމެނެނީ އެންވަޔަރަމަންޓް މިނިސްޓްރީ އާއި އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އެވެ.
މި ހާދިސާއާ ގުޅިގެން، އެ ސަރަހައްދުގައި ހުރި ސްކޫލުތަކުގެ ދަރިވަރުން ވަނީ ގެއަށް ފޮނުވާލާފައެވެ. މިގޮތުން ތާޖުއްދީން ސްކޫލާއި ހިރިޔާ ސްކޫލާއި ފަލާހް ޕްރީ ސްކޫލުގެ ކުދިން ގެއަށް ފޮނުވާފައިވާ ކަމަށް މަޢުލޫމާތު ލިބެއެވެ.
އަލިފާނުގެ ހާދިސާއާ ގުޅިގެން ސޯޝަލް ސެންޓަރުގައި ވަގުތީ ހިޔާވަހިކަން ޤާއިމްކޮށްފައިވާ ކަމަށް ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން މަޢުލޫމާތު ދީފައިވެއެވެ. އަދި އެހީތެރިކަން ބޭނުންވާ ފަރާތްތަކުން 115 އަށް ގުޅުމަށް އެ އޮތޯރިޓީން ވަނީ އިލްތިމާސްކޮށްފައެވެ.









