އަންނަ ރޯދަ މަހު ރާއްޖޭގެ މިސްކިތްތަކާއި މަރުކަޒުތަކުގައި ހިފްޒުކޮށް، އިމާމުވެ ތަރާވީހު ނަމާދުކުރާނެ ދިވެހި ހާފިޒުން ހޯދަން އިސްލާމިކް މިނިސްޓްރީން މިއަދު އިއުލާންކޮށްފި އެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ މާލޭގެ މިސްކިތްތަކުގައި ހިފްޒުކޮށް، އިމާމުވެ ތަރާވީހު ނަމާދުކުރުމަށް އެދޭ ދިވެހި ހާފިޒުން އަންނަ މަހުގެ 20 ގެ ކުރިން ފޯމު ހުށަހަޅަން ޖެހޭނެ ކަމަށެވެ. އަދި ރަށްރަށުގެ މިސްކިތްތަކުގައި ހިފްޒުކޮށް، އިމާމުވެ ތަރާވީހު ނަމާދުކުރުމަށް އެދޭ ދިވެހި ހާފިޒުން އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ހައެއްގެ ކުރިން ފޯމް ހުށަހަޅަން ޖެހޭ ކަމަށް މިނިސްޓްރީން ބުންޏެވެ.
މާލޭގައި ނަމަ ފޯމު ހުށަހަޅާނީ މިނިސްޓްރީއަށް ކަމަށާއި ރަށްރަށުގައި ފޯމު ހުށަހަޅަނީ ކައުންސިލްތަކަށް ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނީ މަރުކަޒުތަކުގައި (އިސްލާމީ މަރުކަޒާއި ސަލްމާން މިސްކިތުގައި) ހިފްޒުކޮށް، އިމާމުވެ ތަރާވީހު ނަމާދުކުރަން އެދޭ ދިވެހި ހާފިޒުން ފޯމު ހުށަހަޅަން ޖެހޭނީ އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ 16 ވަނަ ދުވަހުގެ ކުރިން މިނިސްޓްރީއަށް ކަމަށެވެ.
މިސްކިތްތަކުގައި ތަރާވީހު ނަމާދުކުރާ ހާފިޒުންނަށް އެލަވަންސްގެ ގޮތުގައި ދެވޭނީ ކޮންމެ ރެޔަކަށް 500ރ. އެވެ. އަދި މަރުކަޒުތަކުގައި ތަރާވީހު ނަމާދުކުރާ ހާފިޒުންނަށް އެލަވަންސްގެ ގޮތުގައި ދެވޭނީ ރެޔަކަށް 700ރ. އެވެ. އަދި ގިނަވެގެން ފައިސާ ދެވޭނީ މިސްކިތަކަށް ދިވެހި ދެ ހާފިޒުންނަށެވެ.









