އަންނަ ރޯދަ މަހު ރާއްޖޭގެ މިސްކިތްތަކުގައި ހިފްޒުކޮށް އިމާމުވެ ތަރާވީހު ނަމާދުކުރަން ރާއްޖެއިން ބޭރުގެ ހާފިޒުން ރާއްޖެއަށް ގެނައުމަށް ހުއްދަ ދޭން މިއަދު ފަށައިފި އެވެ.
އިސްލާމިކް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ އެ ހުއްދައަށް އެދޭ ފޯމު ފުރިހަމަކޮށް ލިޔުންތަކާ އެކު، އަންނަ މަހުގެ 20 ވަނަ ދުވަހުގެ މެންދުރު ފަހު 2:00 ގެ ކުރިން ސިޓީ ކައުންސިލްގެ އިދާރާތައް ހިމެނޭ ރަށްރަށާއި އެ ރަށެއްގެ ރަށު ކައުންސިލްގެ އިދާރާއަށް ހުށަހެޅޭނެ ކަމަށެވެ.
ސިޓީ ކައުންސިލުގެ އިދާރާތައް ހިމެނޭ ރަށްރަށާއި ރަށު ކައުންސިލްގެ އިދާރާތައް ހިމެނޭ ރަށެއްގެ ރަށު ކައުންސިލުގެ އިދާރާއަށް ލިބޭ ފޯމާއި އެކަމާއި ގުޅޭ ލިޔުންތައް މިނިސްޓްރީ އަށް ހުށަހަޅަން ވާނީ އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ 16 ވަނަ ދުވަހުގެ މެންދުރު ފަހު 2:00 ގެ ކުރިން ކަމަށް ވެސް އެ އިއުލާނުގައި ބުންޏެވެ،
ހިފްޒުކޮށް އިމާމުވެ ތަރާވީހު ނަމާދުކުރަން އެދޭ ފޯމް ކައުންސިލްގެ އިދާރާތަކުންނާއި މިނިސްޓްރީގެ ވެބްސައިޓް www.islamicaffairs.gov.mv އިން ލިބެން ހުންނާނެ ކަމަށް ވެސް އެ އިއުލާނުގައި ބުންޏެވެ.
ރޯދަ މަހު ހިފްޒުކޮށް އިމާމުވެ ތަރާވީހު ނަމާދުކުރާ ރާއްޖެއިން ބޭރުގެ ހާފިޒަކަށް އެލަވަންސް ފައިސާ ދިނުމުގެ މިންގަނޑަކީ، ރޯދަ މަހުގައި ކުރެވޭ ތަރާވީހު ނަމާދުގައި އިމާމުކަން ކުރުމަށް ރާއްޖެއިން ބޭރުގެ ފަރާތްތައް ގެނައުމާ ގުޅޭ އުސޫލުގެ 3 ވަނަ ނަންބަރުގެ (ށ)ގައިވާ ގޮތުގެ މަތިން އާބާދީގެ ނިސްބަތުން ކަމަށް މިނިސްޓްރީން ބުންޏެވެ.
ރާއްޖެއިން ބޭރުގެ ހާފިޒުންނަށް އިމާމުވެ، ހިފްޒުކޮށް ތަރާވީހު ނަމާދުކުރާ ކޮންމެ ރެޔަކަށް 200ރ. މަގުން ފައިސާގެ އެލަވަންސެއް ދޭން ވަާނެ ކަމަށް އެ އުސޫލުގައިވެ އެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ ރާއްޖޭގައި މަސައްކަތްކުރާ ރާއްޖެއިން ބޭރުގެ ގައުމުތަކުގެ މީހުންނަށް ރާއްޖޭގައި ހިފްޒުކޮށް، އިމާމުވެ ތަރާވީހު ނަމާދުކުރުމުގެ ހުއްދަ ދެވޭނީ ރާއްޖޭގައި މަސައްކަތް ކުރުމުގެ ހުއްދަ އޮންނަ، އަދި އެ ކަހަލަ ދާއިރާއަކާ ގުޅޭ މުއައްސަސާއެއް، މަރުކަޒެއް ނުވަތަ ގުރުއާން ކުލާހެއްގައި މަސައްކަތް ކުރާ އަދި ހާފިޒުކަމުގެ ސެޓްފިކެޓް ލިބިފައިވާ މީހުންނަށް ކަމަށެވެ.









