ރާއްޖޭގެ ފޮރިން މިނިސްޓަރ ޑރ. އަބްދުﷲ ހަލީލު، އޮމާންގެ ފޮރިން މިނިސްޓަރ، ސައްޔިދް ބަދުރު އަލްބުސައިދީ އާއި މިއަދު ބައްދަލު ކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން ބޭއްވުނީ މިނިސްޓަރ ޚަލީލް އޮމާނަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.
މި ބައްދަލުކުރެއްވުމުގައި ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމާ ބެހޭގޮތުން މަޝްވަރާކުރެއްވިއެވެ. މީގެ ތެރޭގައި ވިޔަފާރި، ފަތުރުވެރިކަން، ތަޢުލީމީ އެއްބާރުލުން، އަދި އިންވެސްޓްމަންޓް ޕްރޮމޯޓްކުރުން ފަދަ ދާއިރާތަކުން ގުޅުން އިތުރުކުރުމާ ބެހޭގޮތުން ވާހަކަދެކެވުނެވެ.
Minister @abkhaleel had a fruitful meeting with H.E. Sayyid Badr Albusaidi, FM of Oman today. Discussed strengthening Maldives-Oman ties through trade, tourism, education cooperation, and investment promotion and enhancing people-to-people contact. @FMofOman@badralbusaidi pic.twitter.com/9aICZUOKzl
މިނިސްޓަރ ޚަލީލްގެ މި ދަތުރުފުޅަކީ އޮމާންގެ ފޮރިން މިނިސްޓަރުގެ ދަޢުވަތަކަށް މި މަހުގެ 10 އިން 13 އަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި މިނިސްޓަރ ޑރ. ޚަލީލްގެ އަރިހުގައި ފޮރިން މިނިސްޓްރީގެ އިސް ބޭފުޅުންވެސް ބައިވެރިވެވަޑައިގަންނަވައެވެ.
މި ބައްދަލުކުރެއްވުމަކީ ދެ ޤައުމުގެ ދެމެދުގައި އޮތް ރަޙްމަތްތެރިކަމާއި އެކުވެރިކަން އިތުރަށް ހަރުދަނާކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް ބެލެވެއެވެ. އަދި ކުރިއަށް އޮތް ތަނުގައި ދެ ޤައުމުގެ ދެމެދުގައި އިތުރު އެއްބަސްވުންތަކަކަށް މަގުފަހިވެގެންދާނެ ކަމަށް އުންމީދުކުރެވެއެވެ.









