އަނިޔާވެރި އަމަލުތަކަށް ހިތްވަރު ލިބޭގޮތަށް ފާޅުކުރެވޭ ޚިޔާލުތަކަކީ، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ހައްޤުގެ ރޫޙާއި ޚިލާފު އަމަލެއްކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ބުނެފިއެވެ.
އެޗްއާރްސީއެމްއިން މިފަދައިން ބުނެފައިވަނީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ދާދިފަހުން ބޭއްވި ހަފްލާތަކެއްގައި އާންމުންގެ މެދުގައި ނަފުރަތު އުފައްދައި، އަނިޔާވެރިވުމަށް ހިތްވަރުދޭ ގޮތަށް އެ ޗެއާޕާސަން ފައްޔާޒް އިސްމާޢީލް ދައްކާފައިވާ ވާހަކަތަކާއި ގުޅިގެން ނެރުނު ބަޔާނެއްގައެވެ.
އެ ކޮމިޝަނުން ނެރުނު ބަޔާނުގައި ބުނެފައިވަނީ ޤާނޫނުއަސާސީގެ 27 ވަނަ މާއްދާއިން މިނިވަންކަމާއެކު ފިކުރުކުރުމާއި، އިސްލާމްދީނުގެ އަސްލަކާއި ޚިލާފުނުވާ ގޮތެއްގެމަތިން ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ކަށަވަރުކޮށްދީފައިވީ ނަމަވެސް، މި ހައްޤުގެ ބޭނުން ހިފަންވާނީ ވަކި ހުދޫދެއްގެ ތެރެއިން، އަނެކާގެ ހައްޤުތަކަށް އިހުތިރާމްކުރާ ގޮތަށް ކަމަށެވެ.
އެޗްއާރްސީއެމްއިން ބުނީ މީހުންގެ މެދުގައި ނަފްރަތު އުފެއްދުމަށާއި، މުޖުތަމައުގެ ހަމަޖެހުމާއި މަސްލަހަތު ނަގާލުމަށް ގޮވާލުމުގެ އިތުރުން، އަނިޔާވެރި އަމަލުތައް ކުރުމަށް ހިތްވަރު ލިބޭގޮތަށް ފާޅުކުރެވޭ ޚިޔާލުތަކަކީ ޤާނޫނުއަސާސީގެ ރޫހާއި ޚިލާފު އަމަލުތަކެއް ކަމަށެވެ. އަދި މިފަދަ އަމަލުތައް ކުށްވެރިކޮށް، ސިޔާސީ ޕާޓީތަކުންނާއި އެ ޕާޓީތަކުގެ އިސް ފަރާތްތަކުން މިފަދަ އަމަލުތައް ނުކުރުމަށް އެޗްއާރްސީއެމްއިން ބުންޏެވެ.
އެ ކޮމިޝަނުން ވަނީ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ހައްޤުގެ ބޭނުން ހިފުމުގައި އެހެން މީހުންގެ އިންސާނީ ކަރާމާތަށާއި ހައްޤުތަކަށް ހުރުމަތްތެރިކޮށް ހިތުމަށާއި، ހަމަނުޖެހުން ހިންގުމަށާއި އަނިޔާވެރި އަމަލުތައް ކުރުމަށް ހިތްވަރުދޭ ފަދަ އެއްވެސް އަމަލެއް ނުކުރުމަށްވެސް އެޗްއާރްސީއެމްއިން ގޮވާލިއެވެ.
މީގެ އިތުރުން، ސިޔާސީ ހަރަކާތްތަކުގެ ތެރެއިން ޚިޔާލާއި ޝުއޫރު ފާޅުކުރުމުގައި އަނެކާގެ އަބުރާއި ނަފްސަށް ގެއްލުންވާފަދަ އަދި ނަފްރަތު އުފެދޭފަދަ އެއްވެސް އަމަލެއް ނުކުރުމަށާއި، ސިޔާސީ ޕާޓީތަކުން އިންތިޒާމްކުރާ ހަރަކާތްތަކުގައި އާންމު މަސްލަހަތު އިސްކޮށް، މިފަދަ ކަންކަން ނުހިނގާނެ ގޮތަށް ސިޔާސީ ހަރަކާތްތައް ރޭވުމަށް އިސްކަން ދިނުމަށާއި، ސިޔާސީ ޕާޓީތަކުން ކުރިއަށްގެންދާ ހަރަކާތްތައް ސުލްހަވެރިކަމާއެކު، ކަނޑައެޅިފައިވާ ޤާނޫނީ އިމުގެ ތެރެއިން ކުރިއަށް ގެންދިއުމަށް ހުރިހާ ޕާޓީތަކަށް އިލްތިމާސް ކުރިއެވެ..









